15 މަސްދުވަސް ވަންދެން މެދުނުކެނޑި އެތައް މުސްލިމުންގެ ލޭއޮހޮރުވައި ނަސްލެއް ނައްތައިލުމަށް ކާފަރުން ޣައްޒާގައި ހިންގި އަނިޔާވެރި ޖަރީމާ މެދުކެނޑި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުމަކީ މުޅި އިސްލާމީ އުންމަތަށް ލިބުނު ކާމިޔާބީއެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރަކީ އީމާންކަމާއި، ހިތްވަރާއި، ކެތްތެރިކަމާއި އަދި އުޚުއްވަތްތެރިކަމުގެ ނަތީޖާއެވެ.
ޣައްޒާ ހަނގުރާމަ އާއި ގުޅިގެމް ދިވެހި ރާއްޖެއިން ފައިސާއާއި މުދާ ވެސް ފޮނުވިއެވެ.
އެކަމަށް ޢިޝާރާތްކުރައްވައި ޚުޠުބާގައި ފާހަގަ ކޮށްފައި ވަނީ، މި ކާމިޔާބީގައި ދިވެހިރާއްޖެ ފަދަ އިސްލާމީ ޤައުމުތަކުން ކުރި މަސައްކަތްތައް ވެސް ހިމެނޭ ކަމަށެވެ.
މީގެއިތުރުން، ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރަކީ އެ ނަޞްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ނަޞްރެއް ކަމަށާއި، ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ޙާލަތުގައި ވެސް ޢަމަލުކުރީ އިސްލާމީ އަޚްލާޤުން ކަމަށާއި، މިއީ މުޅި އިސްލާމީ އުންމަތަށް ލިބުނު ޢިބުރަތެއް ކަމަށް ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.
ޚުޠުބާގައި އަދި ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެކެވެ. އަދި އަލްއަޤްޞާ މިސްކިތް މިނިވަންކުރުމަށް މަސައްކަތް ކުރުމަކީ މުސްލިމުންގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.
ޚުޠުބާގައި އިސްލާމީ އުންމަތަށް ގޮވައިލެއްވީ ޤުރުއާނާއި ސުންނަތުގައި ހިފައި، އެކުވެރިވެ އެއްބައިވަންތަ ބަޔަކަށް ވުމަށެވެ. އިސްލާމްދީން ޤާއިމުކުރުމަށް މަސައްކަތްކުރުމަށެވެ. އަދި އެގޮތުގައި ދެމިތިބެއްޖެނަމަ، މުސްލިމުންނަށް ނަޞްރު ލިބޭނެ ކަމަށް ވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަ ކުރެއްވިއެވެ.









