ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓާލައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ޤަތަރާއި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން ގޮވާލައި އިއްޔެ ބަޔާނެއް ނެރެފިއެވެ.
މި ބަޔާން ނެރުނީ ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ދެވަނަ ޤަތަރު-ޔޫކޭ ސްޓްރެޓެޖިކް ޑައިލޮގް 2025 ނިމުމާ ގުޅިގެންނެވެ. މި ބައްދަލުވުމުގެ އެއްބައި ރިޔާސަތު ބެލެހެއްޓެވީ ޤަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އާލް ޘާނީ އާއި ޔޫކޭގެ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ލެމީއެވެ.
ދެ ވަޒީރުން ވެސް ގޮވާލާފައިވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ފަލަސްތީނު ދައުލަތެއް އުފެއްދުމަށް ސީރިއަސް ސިޔާސީ މަސައްކަތްތައް ކުރުމަށެވެ.
މީގެ އިތުރުން، ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ.ގެ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ ދެ ދައުލަތުގެ ހައްލަކަށް ވާސިލުވުމަށް ޙަޤީޤީ ނަތީޖާތަކެއް ހާސިލުކުރެވޭނެ މަންސަތަކަށް ވާނެ ކަމަށް ދެ ފަރާތުން އެއްބަސްވިއެވެ.
ޤަތަރުގެ ޚާރިޖީ ވަޒީރު ވަނީ އިސްރާއީލުން ޣައްޒާގައި ހަނގުރާމަ އަލުން ފެށުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅާ އެ ޤައުމުގެ ސިޔާސަތުތަކާ މެދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މިފަދަ ޢަމަލުތަކަކީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.