އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) މުބާރާތުގައި އިންޓަރ މަޔާމީ ޓީމް މި މޫސުމުގެ ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. މި މެޗުގައި އާޖެންޓީނާގެ ސުޕަރ ސްޓާރ ލިއޮނެލް މެސީ ނުކުޅެއެވެ.
އެފްސީ ޑަލަސް އާ ދެކޮޅަށް ކުޅުނު މި މެޗު ޑަލަސްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
މި މެޗާއި ހަމައަށް އައިއިރު ލީގުގައި އިންޓަރ މަޔާމީ މި މޫސުމުގެ އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް މި މެޗުން ބަލިވުމާއެކު މަޔާމީގެ ރެކޯޑަކީ 5 މެޗުން މޮޅު، 1 ބަލި އަދި 3 ޑްރޯއާއެކު 18 ޕޮއިންޓެވެ. އެހެންނަމަވެސް، މީގެ ކުރިން ބުރާސްފަތި ދުވަހު ކޮންކަކަފް ޗެމްޕިއަންސް ކަޕްގެ ސެމީފައިނަލް ފުރަތަމަ ލެގުގައި ވެންކޫވަރ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މަޔާމީ ވަނީ 2-0 އިން ބަލިވެފައެވެ.
މެސީގެ އިތުރުން، ކުރީގެ ބާސެލޯނާ ޓީމްމޭޓުންކަމަށްވާ ލުއިސް ސުއާރެޒް އަދި ޖޯޑީ އަލްބާ ވެސް މި މެޗުގައި ނުކުޅެއެވެ. މި ކުޅުންތެރިން ތިބީ އަނިޔާގައެވެ. މި ކުޅުންތެރިން އަދި ހަފްތާއެއް ނުވަތަ ދެހަފްތާއެއްހާ ރެސްޓް ކުރަން ޖެހޭއިރު، މަޔާމީގެ ދެން އޮތް މެޗަކީ ބުދަ ދުވަހު ކޮންކަކަފް ޗެމްޕިއަންސް ކަޕްގެ ސެމީފައިނަލް ދެވަނަ ލެގް މެޗެވެ.