ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ބައްޕަ، ހޯހޭ މެސީ އުމުރުން 68 އަހަރުގައި މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި ކަމަށް އާޖެންޓީނާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.
އާޖެންޓީނާގެ ރޮސާރިއޯ ސިޓީގެ މެޑިކަލް ކްލިނިކެއްގައި ފަރުވާ ހޯދަމުން ދަނިކޮށް، މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ މަރުވިއިރު، މެސީގެ އާއިލާއިން ބުނެފައި ވަނީ އޭނާ މަރުވީ "ދިގު މުއްދަތަކަށް ދެމިގެންދިޔަ ބައްޔަކަށް" ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ. ނަމަވެސް، ބަލީގެ ސީދާ ތަފްސީލެއް އެ އާއިލާއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އާޖެންޓީނާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، 2026 ގެ ވޯލްޑް ކަޕްގެ ތެރޭގައިވެސް ހޯހޭ މެސީ ދިޔައީ މި ނުރައްކާތެރި ކެންސަރު ބައްޔާ ހަނގުރާމަކުރަމުންނެވެ.
ޗިސްމޭގެ ކެންސަރަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވަރަށް އަވަހަށް ފެތުރޭ، ނުރައްކާތެރި އަދި ބާރުގަދަ ކެންސަރެކެވެ.
އާޖެންޓީނާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މެސީގެ ބައްޕަގެ ގައިގައި ކެންސަރު ބަލި ހުރިކަން ދެނެގަނެވުނުއިރު ވަނީ ލަސްވެފައެވެ.
ހޯހޭ މެސީ އަކީ މެސީގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ބޮޑު ތަނބެވެ. އޭނާ އަކީ މެސީގެ ބައްޕަގެ އިތުރުން، އޭނާގެ މުޅި ކެރިއަރު ބަލަހައްޓައިދިން މެނޭޖަރު އަދި އޭޖެންޓްވެސް މެއެވެ. އޭނާގެ މަރާ ގުޅިގެން ފުޓްބޯޅަ ދުނިޔެއިން ދަނީ މެސީގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.









