މާލެއަށް މިރޭ ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން ފެން ހިންދަން ސިފައިން ނުކުމެއްޖެ އެވެ.
އެމްއެންޑީއެފުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންގެ ފަޔަ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ފަސް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މާލޭގެ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށް ވެސް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި،" އެމްއެންޑީއެފުން ބުންޏެވެ.
މާލޭ މަގުތަކުގައި ފެންބޮޑުވިއިރު، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިރޭ ދަންވަރު 2:30 އާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.









