ރަސްމާލެ ތަރައްގީކުރުމަށް ކ. ފުށިދިއްގަރު ފަޅުން 101 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއްގެ ބިން ހިއްކާ މިހާރު ނިމިފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ ކަމަށްވާ ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ދަށުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 101 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓް J ގެ 29 ހެކްޓަރުގެ ބިމާއި މޯހަން މުތާ އެކްސްޕޯޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވާ ސައިޓް D,F,G,L ގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިން ކަމަށް އެޗްޑީސީން ބުންޏެވެ.
މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަޝްރޫއާ އެކު، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. އެއީ، ހުޅުމާލެއަށް ވުރެ އިތުރު 0.5 މީޓަރު އުސްކޮށެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި، ރަސްމާލޭގައި 240،000 އަށް ވުރެ ބޮޑު އާބާދީއަކަށް ދިރިއުޅެވޭނެ އެވެ.
އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މިއީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، މިއީ ބިމުގެ ބޮޑުމިނަށް ބަލާ ނަމަ، ހުޅުމާލެ ފޭސް 2 ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއެކެވެ. މި މަޝްރޫއު ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބޭނެ އެވެ.
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީކުރަނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށާއި ޓޫރިޒަމަށް ވެސް ފުރުސަތު ފަހިވާނެ ގޮތަށެވެ.