މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް މާލެ ސަރަޙައްދުން އެކަނިވެސް 1000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާރޗްމަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ޖުމްލަ 1068 އެކްސިޑެންޓު ހިނގާފައިވާކަމަށެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖެނުއަރީމަހު މާލެ ސަރަހައްދުގައި 318 އެކްސިޑެންޓް ހިނގާފައިވެއެވެ. ފެބްރުއަރީމަހު 398 އެކްސިޑެންޓް ހިނގާފައިވާއިރު، މާރޗް މަހު 352 އެކްސިޑެންޓް ހިނގާފައިވެއެވެ.
މާލެ ސަރަޙައްދުގެ ތަފްސީލަށް ބަލާއިރު، ޖެނުއަރީ މަހު މާލޭގައި 152 އެކްސިޑެންޓު ހިނގާފައިވާއިރު، ހުޅުމާލޭގައި 145، ވިލިމާލޭގައި 2 އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 19 އެކްސިޑެންޓް ހިނގާފައިވެއެވެ.
ފެބްރުއަރީމަހު މާލޭގައި 216 އެކްސިޑެންޓު ހިނގާފައިވާއިރު، ހުޅުމާލޭގައި 169، ވިލިމާލޭގައި 1 އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 12 އެކްސިޑެންޓު ހިނގާފައިވެއެވެ.
މާރޗްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގައި 193 އެކްސިޑެންޓު ހިނގާފައިވާއިރު، ހުޅުމާލޭގައި 140، ވިލިމާލޭގައި 1 އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 18 އެކްސިޑެންޓު ހިނގާފައިވެއެވެ.
މި ކަންބޮޑުވުން އޮތް މައްސަލައާ ގުޅިގެން، އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި އެއްގަމު އުޅަނދުފަހަރު ދުއްވާއިރު މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.









