ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހައްޔަރުކުރުމަށް އިންޓަރޕޯލް ރެޑް ނޯޓިސްއަކަށް އެ ގައުމުގެ ފުލުހުން އެދިފައިވެއެވެ. މިކަމަށް އެދިފައިވަނީ ވޭތުވެދިޔަ އަހަރު ދަރިވަރުންގެ އިހުތިޖާޖުތަކުގައި އެތައް ސަތޭކަ މީހުން މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީއެވެ.
ދަރިވަރުންގެ އިހުތިޖާޖުތައް ފެށިފައިވަނީ ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާއާ ދެކޮޅަށެވެ. ނަމަވެސް ސެކިއުރިޓީ ބާރުތަކުން އަނިޔާވެރި ގޮތަކަށް އިހުތިޖާޖުތައް ރޫޅާލުމަށް މަސައްކަތްކުރުމުން، އދ. އިން ލަފާކުރާ ގޮތުގައި 600 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ހަސީނާ އިންޑިއާއަށް ފިއްލެވުމުން، 15 އަހަރުގެ ވެރިކަން ނިމުމަކަށް އައިސްފައިވެއެވެ.
ބަންގްލަދޭޝް ޕޮލިސް ހެޑްކުއާޓަރޒްގެ އެސިސްޓެންޓް އިންސްޕެކްޓަރ ޖެނެރަލް އެނާމުލް ހަގް ސަގޯރު ވިދާޅުވި ގޮތުގައި ތުހުމަތުކުރެވޭ ފަރާތްތައް އަނބުރާ ގެނައުމަށް އިންޓަރޕޯލްގެ އެހީތެރިކަމަށް އެދިފައިވެއެވެ. ހަސީނާގެ އިތުރުން އަވާމީ ލީގުގެ ސެކްރެޓަރީ ޖެނެރަލް އޮބައިދުލް ގާދަރު އަދި ކުރީގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލް ހިމެނޭ ގޮތަށް އިތުރު 11 މީހަކަށް ރެޑް ނޯޓިސް ނެރުމަށްވެސް ބަންގްލަދޭޝްގެ ފުލުހުން އެދިފައިވެއެވެ.
ހަސީނާގެ ވެރިކަމުގައި 2010 ވަނަ އަހަރު އުފެއްދި އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލްއިން މި މައްސަލައާ ގުޅޭ 70 އަށްވުރެ ގިނަ މައްސަލަ ބަލަމުންދާކަން ފާހަގަކުރެވެއެވެ. މި ކޯޓަކީ 1971 ގެ ބަންގްލަދޭޝް މިނިވަންވުމުގެ ހަނގުރާމައިގައި ޕާކިސްތާން އަސްކަރިއްޔާއިން ހިންގި އަނިޔާވެރި ޢަމަލުތަކާއި އެހެނިހެން ހަނގުރާމަވެރި ކުށްތައް ތަހުގީގުކޮށް ޝަރީއަތް ހިންގުމުގެ ބާރު ލިބިފައިވާ ކޯޓެކެވެ.






