ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން ބޯހިޔާވަހިކަން ހޯދަން އެދޭ ފަރާތްތަކަށް ބޭންކަށް ލިޔެކިއުން ހުށަހެޅުމުގައި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ލުއި ދީފައިވަނީ ގެދޮރުގެ ކުރެހުން ހުށަހެޅުމުގެ ބަޔަށެވެ.
ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި، މާލޭގެ ގިނަ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލުން ކުރެހުން ފާސްކުރުމަށް ވަގުތު ބޭނުންވާތީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕް ކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފައިވެއެވެ. ނަމަވެސް، އިވެލުއޭޝަން މަރުހަލާގެ ތެރޭގައި އެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.
މި ސްކީމުގެ ދަށުން އަތޮޅުތަކުން އެދޭ ފަރާތްތަކަށް 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރުތަކުން އެދޭ ފަރާތްތަކަށް 3 މިލިއަން ރުފިޔާ، އަދި މާލެ ސަރަހައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. މާލެ ސަރަހައްދުގައި ގޭގެ ބެހެނިވެރިންނާއެކު 10 މިލިއަން ރުފިޔާއަށް ވެސް އެދެވޭނެއެވެ.
ހިޔާވަހި ފައިނޭންސިންގ ސްކީމަށް މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ބޭންކުތަކުން ޖުމްލަ 2 ބިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިއީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް 5 ޕަސަންޓް ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެކެވެ.









