ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރުގެ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރު، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަބްދުއް ރަހުމާނެވެ.
ފުލުހުން ބުނީ އެ ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މިއަދުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 138 ފުލުހުން ބައިވެރިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 41 އަންހެން ފުލުހުންނާއި 97 ފިރިހެން ފުލުހުން ކަމަށް ބުންޏެވެ.
ފުލުހުން ބުނީ 39 ވަނަ އަސާސީ ތަމްރީނު ކޯސް މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށް ގެންދާ ކަމަށެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ކޯހުގައި ފިޒިކަލް ޓްރެއިނިން އާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދެ އެވެ.









