އެތައް ދުވަހެއް ވަންދެން ގޮވާން ނުލިބިހުރި ސޫރިޔާގެ ބަނދަރުމަތީ ރަށް ލަތާކިޔާއަށް ގޮވާމުގެ ޝިޕްމަންޓަކާއެކު އާގުބޯޓެއް ބަނދަރުކޮށްފިއެވެ. މިއީ ޑިސެމްބަރު 2022 އިން ފެށިގެން އެ ސަރަޙައްދަށް ގޮވާމުގެ ބާވަތްތައް ފޯރުކޮށްދީފައިވާ ފުރަތަމަ ފަހަރެވެ.
މިހާރު ސޫރިޔާގައި ވެރިކަން ކުރަނީ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) ގެ ސަރުކާރަކުންނެވެ. އެ ސަރުކާރުން ބުނެފައިވަނީ ގޮވާމުގެ ބާވަތްތައް އެތެރެ ކުރުމަށް އޮތް ހުރަސްތައް އެކުވެރި ދައުލަތްތަކާއި އެމެރިކާއިން ލުއިކޮށްދީފައިވާ ކަމަށެވެ.
ސޫރިޔާގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ އިދާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އެންމެ ފަހުން ލަތާކިޔާ ބަނދަރަށް އެތެރެ ކޮށްފައިވަނީ 6,600 ޓަނުގެ ގޮވާމެވެ. މަޞްދަރުތަކުން ބުނެފައިވަނީ މި ގޮވާން ފޯރުކޮށްދީފައިވަނީ ރަޝިޔާއިން ކަމަށެވެ.
ސޫރިޔާގެ އިދާރާއިން ބުނެފައިވަނީ މިއީ ބޭރު ދުނިޔެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ރަނގަޅުވަމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކާބޯތަކެތީގެ ޝިޕްމެންޓުތައް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.









