މި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މަސްޖިދުއްނަބަވީގެ އިމާމު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެއަށް ވަޑައިގަންނަވާނެ އެވެ.
މިނިސްޓްރީން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ މަތީ, މުހިންމު ޝަހުސިއްޔަތުތައް ރާއްޖެ ގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެކު، މިނިސްޓްރީން ދިން ދައުވަތެއްގައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ހުއްދަ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ދެއްވީ މިދިޔަ ހަފްތާގައެވެ..
މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސް ޑރ. މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލުކުރެއްވުމާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ގުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަމައެއާ އެކު ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ބިނާކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށް ވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު, މި އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ, ހުކުރު ކުރައްވާނީ ވެސް އެމަނިކުފާނު ކަމަށް މިނިސްޓްެރީން ބުންޏެވެ.
އިސްލާމީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އިސްލާމީ މަރުކަޒު ބައްލަވާލެއްވުމުގެ އިތުރުން މި ޒިޔާރަތުގައި އިސްލާމީ މަރުކަޒުގައި ޕްރީ ސްކޫލްގެ ދަރިވަރުންނާއި ބައްދަލުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއީ 40 އަހަރުގެ ތެރޭގައި ދެ ހަރަމްފުޅުގެ އިމާމުންގެ ތެރެއިން އިމާމެއް ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަށް ރަޢީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދާ އެކު މިނިސްޓްރީން ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.









