މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 700 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހ. ހަންޏާމީދޫގެ، ޝައިހާން އިސްމާއީލް ސައުރު, 20 އާއި ހ. ކަހަފަތި، މުހައްމަދު އަހްމަދު, 43 އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، ހެންވޭރު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު, މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 749.36 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދަށް ވެސް ފަސް ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަަމަށެވެ.









