އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތަކުން އެމެރިކާއަށް ކުރި ލިބޭގޮތެއްނުވި

ޖަވާދު | 11 ދުވަސް ކުރިން - 19 އޭޕްރިލް 2025 23:37
އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ.
އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ.
ޚުލާސާ

ކުރިން އެމެރިކާއިން ބުނީ އީރާނުގެ ނިއުކްލިއަ ކާރުޚާނާތައް ރޫޅާލަންޖެހޭ ކަމަށް. އީރާނުން އެކަމާއި ދެކޮޅުހެދުމުން އެމެރިމާއިން މިއަދު ބުނީ އަސްކަރީ ކަންކަމަށް ބޭނުންވާ މިންވަރަށް ތަރައްގީ ނުކުރުމަށް.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ބެހޭ ގޮތުން މިއަދު އިޓަލީގެ ރޯމްގައި އެމެރިކާގެ މަންދޫބުންނާއެކު ބޭއްވި ބައްދަލުވުމުގައި، މަޝްރޫޢު ހުއްޓާނުލާނެ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ސިޔާސަތު ބިނާވެފައިވަނީ އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ކަނޑައަޅުއްވާފައިވާ "ރަތް ރޮނގު" ގެ މައްޗަށެވެ. މި ރަތް ރޮނގުގެ ތެރޭގައި ހިމެނެނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމުގެ ތެރެއިން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތެވެ. އީރާނުން ބުނާ ގޮތުގައި 2015 ވަނަ އަހަރު އެކުލަވާލެވުނު އެއްބަސްވުމުގައި ކަނޑައެޅުނު މިންވަރަށްވުރެ ދަށްކޮށް ވެސް މި މަސައްކަތް ނުކުރާނެއެވެ. އަދި މިކަމަކީ މަޝްވަރާ ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

އެމެރިކާގެ ކަންބޮޑުވުން އަމާޒުވެފައިވަނީ އީރާނުން އަސްކަރީ ބޭނުމަށް ނިއުކްލިއާ ހަކަތަ އުފެއްދުމުގެ މައްޗަށެވެ.

މިއަދުގެ ބައްދަލުވުމަކީ އޮމާނުގެ މެދުވެރިން މަގުފަހިކޮށްދިން ނުސީދާ މަޝްވަރާތަކުގެ ދެވަނަ ބުރެވެ. މި ވަފުދުތަކުގައި އިސްކޮށް ތިއްބެވީ އެމެރިކާގެ މެދުއިރުމަތީގެ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ އެވެ. މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މާހިރުންގެ ފެންވަރުގެ މަޝްވަރާތަކަށް ކުރިއަށް ދިއުމަށެވެ. ​

ފުރަތަމަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އޮމާންގެ މަސްކަޓްގަ އެވެ.

މި މަޝްވަރާތަކުގައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން މުހިންމު ދައުރެއް އަދާކުރަމުންދާއިރު، އެމެރިކާގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ ސްޓީވް ވިޓްކޮފް މީގެކުރިން ބުނެފައި ވަނީ އެމެރިކާއިން ބޭނުންވަނީ އީރާނުން ނިއުކްލިއާ ޕްރޮގްރާމްތައް އެކީއެކަށް މަޑުޖައްސާލަން ޖެހޭނެއެވެ. ނަމަވެސް އެކަމާއި ފާޅުގައި އީރާނުން ދެކޮޅު ހެދުމުން މިއަދު އެމެރިކާއިން ވަނީ މަޝްވަރާ ކުރިޔަށްދިޔަ ވަގުތު ރާގު ބަދަލުކޮށްފައެވެ. އެމެރިކާއިން މިހާރު ބުނަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އަސްކަރީ ކަންކަމަށް ބޭނުންވާ މިންވަރަށް ތަރައްގީ ނުކުރުމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަނީ އެކި ފަހަރު މަތިން އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. އެމެރިކާއިން އީރާނަށް އެފަދަ އިންޒާރުތައް ދެމުންގެންދާތާ މިހާރު ވަރަށް ޒަމާން ވެއްޖެއެވެ. އެހެންނަމަވެސް މިހާތަނަށް އީރާނަށް ޙަމަލާދޭކަށް އެމެރިކާއަށް ނުކެރިގެން އުޅެނީ އީރާނުގެ ހަގީގަތް އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ.

ދެން ބާއްވާ ބައްދަލުވުން އޮންނާނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އޮމާންގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%