އެމެރިކާގެ ކުރީގެ ވެރިންނާ ޚިލާފަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އީރާނުގެ ސަރުކާރުގެ މަކަރުވެރި ރޭވުންތަކާއި ވާހަކަތަކަށް ހެއްލިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައި ވަނީ އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށް އެ ނޫހުން ރިޕޯޓު ކުރެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ވޮޝިންގޓަނުން މިހާރު ގެންގުޅޭ ސިޔާސަތުތަކަކީ މާޒީގައި އެމެރިކާގެ ވެރިކަން ކުރެއްވި ބޭފުޅުން ގެންގުޅުއްވި އުސޫލުތަކަށްވުރެ ހަރުދަނާ އަދި ސީދާ ސިޔާސަތުތަކެކެވެ. އަދި އީރާނުގެ ސަރުކާރުން އެހެން ޤައުމުތަކާ މުޢާމަލާތް ކުރުމުގައި ބޭނުންކުރާ ސިޔާސީ އުކުޅުތަކަށް ޓްރަމްޕްގެ ސަރުކާރުން ފުރުޞަތު ނުދޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެމެރިކާއިން މިހެން ބުނެފައި ވަނީ މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެ، ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެމެރިކާއިން ކުރިމަތިކޮށްފާނެ ކޮންމެ ހަނގުރާމައަކަށްވެސް ތެހެރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް އީރާނުން ހާމަކޮށްފައިވާ ވަގުތެއްގައެވެ.



