ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރެވެ. ސިޔާސީ ވާހަކަތަކާއި ޑިމޮކްރަސީއާއި ބެހޭގޮތުން ވާހަކަދެއްކި މަޖިލީހެއްގައި ހުރި ގްރީސްގެ އުމުރުން 95 އަހަރުގެ މީހަކު އަޅުގަނޑާއި ދިމާލަށް އެ މަޖިލީހުގައި ބުންޏެވެ. "ތިޤައުމުގެ ޕްރައިމް މިނިސްޓަރަށް މިފަހަރު ވެސް ކާމިޔާބު ވާނެތަ."؟ އޭނާ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަޅުގަނޑު ބުނީ ދިވެހިރާއްޖޭގައި ހުންނަނީ ރައީސެއް ކަމަށާއި އޭނާއަަށް ކިޔަނީ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ހީވަނީ މިފަހަރު ވެސް އިންތިޚާބު ކާމިޔާބުކުރާނީ އޭނާއެވެ. އެހިނދު އެ މުސްކުޅި ބޭބެ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. އޭނާ ބުންޏެވެ. "މުސްލިމާން؟" އެވެ. އޭނާއަކީ ގްރީސްގެ ތުރްކިޔޭ ދަރިކޮޅުގެ އަލްމާނީ މީހެކެވެ. އޭނާ އެބުނީ އަޅުގަނޑުމެންނަކީ މުސްލިމުން ދޯއެވެ. އަޅުގަނޑު އާނއެކޭ ބުނުމުން އޭނާ ދެން ކޮށްލި ސުވާލަކީ ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުގެ ނަތީޖާ ބަލައިގަންނަ ގޮތާއި ރިޔާސީ އިންތިޚާބުގެ ރައީސަކު ކަށަވަރުކުރުމަށް ވޯޓުގެ ނަތީޖާ ބަލައިގަންނަ ގޮތް އެއްގޮތް ތޯއެވެ؟. އަޅުގަނޑަށް އެސުވާލުގެ ޖަވާބު ދިނުމަށް ކުޑަކޮށް ފަސްޖެހުނެވެ. ސަބަބަކީ އަޅުގަނޑުގެ ޤައުމުގައި އެކަން އޮންނަނީ ވަރަށް މަކަރުވެރި، ހީލަތްތެރި އަދި މުނާފިޤު ގޮތަކަށް ކަމަށް ވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގެ މެންބަރުން މާރާމާރީ ހިންގުމާއި ހަޑިހުރު ބަސްތައް ބޭނުންކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއިން ގަނެފައިވާ މުދާތައް ހަލާކުކުރަނީ: ރައްޔިތުންގެ މަޖިލީހުން ބައެއް ކަހަލަ ޤާނޫނުތައް ހަދާފައި ވަނީ ރައްޔިތުންނަށް އެއިން ލިބޭ ފައިދާއަށް ވުރެ ބޮޑަށް ގެއްލުންވާ ގޮތަށް. މިސާލަކަށް އިންތިޚާބުތަކާއިބެހޭ ޤާނޫން ފާސްކޮށްފައި އޮންނަ ގޮތުން ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ބޭކާރުވެގެންދޭ.!
ޤާނޫނުއަސާސީ ޑްރާފްޓް ކުރިއިރު ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިގަންނަ ގޮތަކީ 50 ޕަސަންޓަށް ވުރެ މަތިން ވޯޓު ހޯދަން ލާޒިމް ކުރުމެވެ. ނަމަވެސް، މަޖިލިސް އިންތިޚާބުގެ ނަތީޖާ ބަލައިގަންނަނީ "ފަސްޓް ޕާސްޓް ދަ ޕޯސްޓް" ނުވަތަ އެފްޕީޓީޕީ އުޞޫލަށެވެ. އެންމެ ގިނަ ވޯޓް ލިބޭ މީހާއެވެ. މިސާލަކަށް ދަންނަވާނަމަ 35 ޕަސަންޓް ވޯޓު ލިބުނަސް މަޖިލިސް ގޮނޑި ކަށަވަރުކުރެވެއެވެ. މިއީ ޤާނޫނު ހަދާ މަޖިލީހުގެ ވާހަކައެވެ. މިމަގުން ޤާނޫނު ހަދާ މަޖިލީހަށް ވަޑައިގެން، އެ ބޭފުޅުން ފާސްކުރި އިންތިޚަބުތަކާ ބެހޭ ޤާނޫނުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އާދެވޭނީ 50 ޕަސަންޓަށް ވުރެ މަތިން ވޯޓު ހޯދައިގެން ކަމަށް އެ ބޭފުޅުން ނިންމި މައިގަނޑު ސަބަބަކީ ރައްޔިތުންގެ ޓެކްސް ފައިސާ ރައްކާކޮށްފައިވާ ތިޖޫރިއަށް އެ ބޭފުޅުންނަށް ފަސޭހައިން އަތްބޭނޭ ނިޒާމެއް އުފެއްދުމަށެވެ. މިއީ މިދެންނެވި، ދުނިޔޭގައި ދިރިއުޅޭތާ ޤަރުނަކާއި ގާތްކުރާ ތަޖުރިބާ ލިބިފައިވާ މުސްކުޅި ބޭބެ ބުނި ގޮތެވެ.
މިހެން ވެގެން ނުވާނެ! މިއީ ގޯހެއް!
ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު ބިންގަލެވެ. ނަމަވެސް، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމުގައި ގެންގުޅޭ ތަފާތު އުޞޫލުތަކަކީ ކަންބޮޑުވުން އުފެދޭ މައްސަލައެކެވެ. މަޖިލިސް އިންތިޚާބުގައި ކިތަންމެ މަދުން ވޯޓު ލިބިގެން ހޮވުނަސް އޯކޭ ކަމަށްވާއިރު އެ އުޞޫލު އެހެން އިންތިޚާބުތަކުގައި ނެތުމަކީ ހަމަހަމަކަން ނެތުމެވެ.
19 ވަނަ މަޖިލިސް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި އިބްރާހިމް ނާޒިލް ކާމިޔާބުކުރެއްވީ 35 ޕަސަންޓް ވޯޓު ހޯއްދަވައިގެންނެވެ. ހަމަ އެފަދައިން، ހިތަދޫ ދެކުނު ދާއިރާ ކާމިޔާބުކުރެއްވި ނާޒިލަށް ވެސް ލިބިވަޑައިގެންނެވީ 35 ޕަސަންޓާ ގާތްކުރާ ވޯޓެވެ. ހޯރަފުށި ދާއިރާ އަޙްމަދު ސަލީމް ކާމިޔާބުކުރެއްވީ 45 ޕަސަންޓް ވޯޓުންނެވެ. ހިންނަވަރު ދާއިރާ ޖީހާނަށް ޔަޤީންވީ 45 ޕަސަންޓުންނެވެ. އަދި 2022 ވަނަ އަހަރު ބޭއްވުނު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ހަމަ އެ ޕާޓީގެ މުޙައްމަދު ރާޝިދު ކާމިޔާބުކުރެއްވީ 48.56 ޕަސަންޓް ވޯޓު ހޯއްދައިގެން ނޫންތޯއެވެ؟.
2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި މެންބަރުން ހޮވިފައިވާ ގޮތް: މަޖިލިސް އިންތިޚާބުގައި ޢަމަލުކުރާ އުޞޫލަކީ ފަސްޓް ޕާސްޓް ދަ ޕޯސްޓް" ނުވަތަ އެފްޕީޓީޕީ އުޞޫލް.
ނިމިގެންދިޔަ މަޖިލިސް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގައި ޕީ.އެން.ސީގެ މުޙައްމަދު ސިނާން ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް 47 ޕަސެންޓް ވޯޓާ އެކުގައެވެ. ހޯރަފުށި ދާއިރާގެ ގޮނޑި ޢަލީ މޫސާ 46 ވަރަކަށް ޕަސަންޓުން ކަށަވަރުކުރެއްވިއިރު، ހިންނަވަރު ދާއިރާ މުޙައްމަދު ޢަބްދުއްރަޙްމާން ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް 48 ޕަސެންޓް ވޯޓާ އެކުގައެވެ. މީގެ އިތުރުން، މާފަންނު އުތުރު ދާއިރާ ގޮނޑި އެމް.އެން.ޕީގެ މުޙައްމަދު ނާޒިމް ކާމިޔާބުކުރެއްވީ 49 އިންސައްތަ އާއި ގާތްކުރާ ވޯޓާ އެކުގައެއް ނޫންތޯއެވެ؟.
ޤާނޫނުގައި އޮންނަ ގޮތުންނަމަ، ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ކާމިޔާބުކުރުމަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދަން ޖެހެއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވެއެވެ.
މި ދެ އިންތިޚާބުގެ ނަތީޖާ ބަލައިގަތުމުގައި މިފަދަ ތަފާތެއް ގެންގުޅުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ.
މަލްޓި-ޕާޓި ސިސްޓަމް ތަޢާރަފްކޮށް "އަނެއް ދިވެހިރާއްޖެ" އަކަށް ދިޔުމަށް އަޅުގަނޑުމެން ކުރި މަސައްކަތުން ރާއްޖޭގައި އޮތް ޒަމާންވީ ދިގު 30 އަހަރުގެ މައުމޫނުގެ ވެރިކަން ބަދަލުކުރަން ބުނެ ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް އެކަނި 61.5 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އެފަހަރު އިންސާފުވެރިކަމާއެކު ރާއްޖޭގެ ރައީސަކު ކަނޑައެޅުމަށް 39.7 މިލިއަން ރުފިޔާއިން ނިންމާލެވެން އަޅުގަނޑުމެންނަށް އޮތެވެ. އެ ގޮތަކީ އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ކުރީގައިވާ ކެނޑިޑޭޓާއި ގުޅިގެން ގިނަ ޕާޓީތައް އެކުލެވޭ ސަރުކާރެއް އުފެއްދުމެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާފައިތިބި ރައްޔިތުންގެ މަންދޫބުން ނިންމާފައިވާ ގޮތަކީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމެވެ.
ދެން އައީ 2013 ވަނަ އަހަރުގެ އިންތިޚާބެވެ. އެފަހަރު ފުރަތަމަ ބުރުގެ ވޯޓުލުން ނިންމައިލިއިރު ޚަރަދުވީ 11.5 މިލިއަން ރުފިޔާއެވެ. ނަމަވެސް އިލްކެޝަންސް ކޮމިޝަނުންގެ ޤާނޫނުގައިވާގޮތުން ނިންމީ ދެވަނަ ބުރަކަށް ދާށެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ބައިތުލްމާލުން އިތުރު 13.6 މިލިއަން ރުފިޔާ އާއެކު 25 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހުނެވެ.
ހަމައެހެންމެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކުޑަ ޚަރަދަކުން އެކަން ވާން އޮއްވާ އެކަން އެގޮތަށް ނުކޮށް، ރައީސަކު އިންތިޚާބުކުރީ 85 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. ސަބަބަކީ މިފަހަރު ވެސް ދެވަނަ ބުރަކަށް ވޯޓުލާން ޖެހުމެވެ. މި ފައިސާތަކަކީ ރައްޔިތުންގެ ޞިއްހީ ކަންކަމަށާއި، ތަޢުލީމާއި، ޢުމްރާނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތަކަށް ޚަރަދުކުރަން ހުރި ފައިސާއެވެ.
ބައިނަލްއަޤްވާމީ އުޞޫލުތައް: އިންތިޚާބު އެއްބުރުން
ޤުދުރަތީ ރިސޯސްތައް ހުރި ތަރައްޤީވެފައިވާ މުއްސަނދި އެތައް ޤައުމުތަކުން ބަލަނީ އެއް ބުރުން އިންތިޚާބު ބާއްވައި ނަތީޖާ ނެރުމަށެވެ. ސަބަބަކީ، އިންތިޚާބެއް ބޭއްވުމަށް ހިނގާ ޚަރަދުގެ ބޮޑުކަމުންނެވެ. އެއްބުރުން އިންތިޚާބު ބާއްވައިގެން ވެސް މެޖޯރިޓީ ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަކު ނެރެވޭނެތީއެވެ. މިސާލަކަށް މުސްލިމު ޤައުމުތައް ކަމަށްވާ ޕާކިސްތާނާއި މެލޭޝިއާއާއި ބަންގްލަދޭޝްގައި ވެސް އޮންނަނީ މި އުޞޫލެވެ. ދުނިޔޭގެ ޑިމޮކްރަސީ އެންމެ ކުރިއަރާފައިވާ އިންޑިއާގެ އިތުރުން ޔޫ.ކޭ އާއި އިނގިރޭސީވިލާތާއި، ކެނެޑާ ފަދަ ޤައުމުތަކުގައި ވެސް ފެޑެރަލް އިލެކްޝަނުގައި އޮންނަނީ މި އުޞޫލެވެ. އާދެ! އެފްޕީޓީޕީގެ އުޞޫލެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ ރާއްޖޭގެ ވެރިޔަކު ހޮވުމުގައި މި އޮންނަ އުޞޫލު ބަދަލުކުރަން އެބަ ޖެހެއެވެ. %50 އަށްވުރެ ގިނަ ވޯޓު ނުލިބުނު ނަމަވެސް އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަށް ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު ލިބެން އެބަ ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާއެއް ކަނޑައެޅުމަށް މިފަދަ އުޞޫލެއް އަޅުގަނޑުމެން ވެސް ގެންގުޅޭނަމަ ފާއިތުވި އިންތިޚާބުތަކުގައި ދެވަނަބުރެއް ބޭއްވުމަށް ޚަރަދުކުރަން ޖެހުނު 57 މިލިއަނަށްވުރެ ގިނަ ފައިސާ ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރާކަށް ނުޖެހުނީހެވެ.
އެއްބުރުން އިންތިޚާބު ބޭއްވުމުން ޚަރަދު ކުޑަވެފައި ރައްޔިތުންނަށް ވެސް ފައިދާވާނެ.
ވޯޓުކަރުދާސް ޗާޕްކުރުމާއި ރަށްރަށަށް ވޯޓުކަރުދާސްތައް ގެންގޮސްދިނުމުގައި ވެސް ވަކި ބައެއްގެ ޖީބަށް ފައިދާތަކެއް ދީގެން ރައްޔިތުންގެ ފައިސާ ސިޔާސީންގެ އަންބޮޑި ބޮޑުކުރަން ގޮތެއް ހޯދޭނެ ނިޒާމު ދޫކޮށްލަން އެބަޖެހެއެވެ. އެއްފަހަރުން ނިމެން އޮތް ކަމެއް ދިގުދަންމުވައި ދައުލަތުގެ ޚަޒާނާގައި ހުރި ފައިސާތަކުން ވައްކަންކުރުމަށް އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމުގެ މާނައެއް ނެތެވެ.
އެމެރިކާގައި ބޭނުންކުރަނީ ކޮންމެ ސްޓޭޓެއްގެ މެޖޯރިޓީއަށް ބަލައިގެން އިންތިޚާބުކުރާ މީހުން ވޯޓުލާ އިލެކްޓޯރަލް ކޮލެޖް ނިޒާމެވެ. އެހެންކަމުން އަޅުގަނޑުމެން ވެސް މިހާރު މިގެންގުޅޭ އުޞޫލު ބަދަލުކުރަން އެބަޖެހެއެވެ. މަޖިލިސް އިންތިޚާބުގައި މި އުޞޫލަށް ތަބާވެ ރިޔާސީ އިންތިޚާބުގައި މި އުޞޫލަށް ތަބާނުވުމަކީ މުނާފިޤު ކަމެކެވެ. އަޅުގަނޑުމެންނަކީ އެ ޤައުމުތަކަށްވުރެ އުފެއްދުންތެރިކަން މަދުވެފައި ގިނައިން ފައިސާ ތިބި ބައެއް ނޫނެވެ. އެހެންކަމުން ކޮރަޕްޝަނާއި ދުރުވެ، ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުމާއި ދެކޮޅަށް ތެދުވާން އެބަޖެހެއެވެ.
އެހެންކަމުން އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ކުރި ލިބޭ ކެންޑިޑޭޓަކަށް ބާކީތިބި ކެންޑިޑޭޓުންނާއި ގުޅިގެން ސަރުކާރެއް އުފައްދަން ޖާގަ ދިނުމުން ޤައުމުގެ މަޞްލަޙަތު ރަނގަޅުވެފައި، އެއް ޢާއިލާއެއްގެ މުށުތެރެއަށް ވެރިކަމުގެ ބާރުތައް ވެސް ނުލިބޭނެ ގޮތަށް ހެދޭނެ ފުރުޞަތު ވެސް އެބައޮތެވެ. ޚަރަދުތައް ވެސް ކުޑަވާނެއެވެ. ވީމާ އިންތިޚާބާބެހޭ ޤާނޫނު އިޞްލާޙް ކޮށްގެން ނޫނީ މިފިތުނަވެރިކަމުން ސަލާމަތެއް ނުވެވޭނެއެވެ.
ވީމާ، މި އިޞްލާޙަށް ވިސްނުމަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ގިނަ ޤައުމުތަކުގައި ސިޔާސީ ބޭފުޅުން ދެ ބުރުގެ މައްޗަށް ރިޔާސީ އިންތިހާބު ބާއްވަން ބާރުއަޅަނީ ރައްޔިތުންގެ ޓެކްސް ފައިސާކޮޅު ޖީބަށް އަޅާށެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ގޮސްގެން ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް، ރައްޔިތުންގެ ޓެކްސް ފައިސާކޮޅު ބަހައިލާން ހުޅުވާލާފައިވާ ވައްކަމުގެ ދޮރު ބަންދުކުރާން ޖެހެއެވެ. ދެވަނަ ބުރަކަށް އިންތިޚާބު ބާއްވާނަމަ ކެމްޕޭން ހަދިޔާތައް މިސާލަކަށް ބޮޑެތި ރިޝްވަތުގެ ކަންތައްތައް އެ ދެމެދު ހިންގުން ގިނަވާނެއެވެ. ސިޔާސީ ޑީލްތައް ހަދާނެއެވެ. ވެރިކަމަށް ވަޑައިގަތުމުން ބޮޑު މުސާރަ ލިބޭ މަޤާމުތަކާއި އެހެނިހެން ފައިދާތައް ހޯދާނެއެވެ. ސިޔާސީ ކަންކަން އެމީހުން ބަދަލުކޮށްލަނީ ސިޔާސީގޮތުން ފައިދާލިބޭ މެޝިނަކަށެވެ.
ވީމާ، ޤުދުރަތީ ވަސީލަތްތައް މަދު ދިވެހިރާއްޖެއަށް، އިންތިޚާބެއް ބާއްވާށޭ ބުނެ ދެބުރަށް ރައްޔިތުންގެ ފައިސާ ބޭކާރު ކުރުމަކީ ޒިންމާދާރު ގޮތެއް ނޫނެވެ. އިނގިރޭސިވިލާތުގައި ނުވަތަ ކެނެޑާގައި ބޭނުންކުރާ ފަދައިން އެއް ބުރުގެ ނިޒާމަކީ ޚަރަދު ކުޑަވެފައި ކާމިޔާބު ނިޒާމެކެވެ. ދެން އޮތީ ސައޫދީއެވެ. އެ ނިޒާމު އަޅުގަނޑުމެން މިތިބީ ބޭނުން ނޫން ކަމަށް ބުނެގެންނެވެ. އެހެންކަމުން ސިޔާސީ ޑްރާމާތައް ކުޅުމަށްވުރެ އިސްކަން ދޭންވީ ރައްޔިތުންނަށެވެ. އިރުއިރުކޮޅާ އިންތިޚާބުތައް ބާއްވައި ރައްޔިތުންގެ ފައިސާތަކަށް ޚިޔާނާތްތެރި ނުވާށެވެ. ދާންވީ ބާރުތައް ބަހައިލެވޭ އެއްބުރުން ނިމޭ ޚަރަދުކުޑަ ނިޒާމަކަށެވެ.
ނޯޓް: ރިޕޯޓު ލިޔުނީ އަބްދުﷲ ޖުނައިދު