ދިވެހިރާއްޖެއިން އަޒަރުބައިޖާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ލެފްޓެނަންޓް ޖެނެރަލް (ރިޓަޔަރޑް) ޢަބްދުއްރަހީމް ޢަބްދުލްލަޠީފް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުން މި ނަން ފާސްވިއެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޢަބްދުއްރަހީމް ޢަބްދުލްލަޠީފްގެ ނަން ދިރާސާކުރުމަށްފަހު ވަނީ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އޭނާ ޢައްޔަންކުރައްވަން ފެންނަކަމަށް ފާސްކޮށްފައެވެ.
ޢަބްދުއްރަހީމް ޢަބްދުލްލަޠީފް މިވަގުތު ހުންނެވީ ތުރުކީވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަޒަރުބައިޖާނަށް ނޮން-ރެޒިޑެންޓް ސަފީރެއްގެ ގޮތުގައި އޭނާ އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.