އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުންގެ މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރީ ގއ. ދާންދޫ/ ސަންލައިޓްވިލާގެ، އުމުރުން 20 އަހަރުގެ އަހުމަދު ރިޝްމާހެވެ. އޭނާ ހައްޔަރުކޮށް, 15 ދުވަހަށް ބަންދުގައި ބެހެއްޓިއެވެ.
މި މައްސަލައިގައި ރިޝްމާހްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޖެހުން، މުދަލަށް ގެއްލުން ދިނުން އަދި ކުށެއް ކުރުމުގައި ބައިވެރިވުން ހިމެނެއެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ 16 މާރިޗު 2025 ވީ އާދީއްތަ ދުވަހުގެ ރޭ، މާލޭގެ ވުޑްބެރީ ރެސްޓޯރަންޓް ހިމެނޭ ސަރަހައްދުގައެވެ.









