ގައުމީ އެއަރލައިން މޯލްޑިވިއަންއިން އިތުރު އެއާބަސް އޭ-330 މަތިންދާބޯޓެއް ހޯދުމަށް އަލުން އިޢުލާންކޮށްފިއެވެ. އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެއާބަސް އޭ-330-200 މަރުކާގެ މަތިންދާބޯޓެއް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި މަތިންދާބޯޓު ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ. އަދި މަތިންދާބޯޓުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުރުން ހިމެނެއެވެ.

މޯލްޑިވިއަންގެ މިހާރު ބޭނުންކުރަމުންދާ އޭ-330 މަތިންދާބޯޓަކީ އެއްވެސް ތަނަކަށް ނުޖައްސާ 13,000 ކިލޯމީޓަރަށް ސީދާ ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ތިން ކްލާހެއް ހިމެނޭ އިރު، ޖުމްލަ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.