މަޝްހޫރު އޮންލައިން ވިޔަފާރި ފްލެޓްފޯމް ޓީމޫގެ ނަމުގައި ހިންގާ އޮންލައިން ސްކޭމްތައް ވަރަށް ބޮޑަށް އިތުރުވަމުން ދާތީ އާންމުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ބުނީ އޮންލައިން ޝޮޕިން ޕްލެޓްފޯމް ޓީމޫ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން ފުލުހުންގެ ހިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށާއި މި ސްކޭމްތަކުގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓްތައް ހެދުމާއި ފިޝިން މެސެޖްތައް ފޮނުވުމާ އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ.
މި ސްކޭމްތަކުން ރައްކާތެރިވުމަށް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖުތަކަށް ސަމާލުވުމަށާއި ޓީމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް ސަމާލުވުމަށާއި "ޕާރުސަލް ލިބިފައި ނުވޭ" ނުވަތަ "ޑެލިވަރީ އެޑްރެސް ރަނގަޅު ނޫން" ނުވަތަ "ވަގުތުން ފިޔަވަޅު އަޅަން ޖެހޭ" ފަދަ ބަސްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް، ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކަށް ރިޕޯޓްކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ އޮންލައިން ޝޮޕިން ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާ މެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅު ކަމަށާއި ސްކޭމްގެ ޝިކާރައަކަށް ވެއްޖެ ނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުން ވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ބުންޏެވެ.
ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޝޮޕިން ޕްލެޓްފޯމް ކަމަށްވާ "ޓީމޫ"އިން ރާއްޖެއަށް ޝިޕިންގެ ހިދުމަތް ފެށީ މި މަހު އެވެ.









