ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އަައިޝަތު ޒީނާ | 19 ދުވަސް ކުރިން - 11 އޭޕްރިލް 2025 14:53
ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ތަރައްޤީކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވާހަކަދައްކަވަނީ. / ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ ޓެކްސީވޭ ޗާލީ އަލުން ތަރައްޤީކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވާހަކަދައްކަވަނީ. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އެމްއޭސީއެލް އިން ބުނީ ރަންވޭ ތަރައްޤީކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ކަމަށާއި، އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށް ކަމަށް.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ ޓެކްސީވޭ ޗާލީ އަލުން ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ވީއައިއޭ އޮޕަރޭޓްކުރަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ މަސައްކަތް ފެށުމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބީޔޫސީޖީގެ ޗެއާމަން ލީ ވެއިޑޮންގް އާއި ޗައިނާ އެމްބަސީގެ ޗާރޖް ޑި އެފެއާޒްގެ މިސް ހީ ފެން ބައިވެރިވެލެއްވިކަމަށެވެ.

މި މަޝްރޫޢަކީ ވީއައިއޭގެ އޮޕަރޭޝަނަލް ކެޕޭސިޓީ އާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލް އިން ފާހަގަކުރިއެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްތަކަށް މި ސަރުކާރުން ޚާއްސަ އަހައްމިއްޔަތު ކަމެއް ދޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެތަނުގެ މަރާމާތުތައް އެކި ފަހަރުމަތިން ކުރިޔަސް ޓެކްސީވޭ އަލުން ހެދުމުގެ ބޭނުން ބޮޑުވެފައި އޮތް ކަމަށާއި، އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ގޮތަށް ތަރައްޤީކުރާ ތަނެއް ކަމަށެވެ.

މިހާރު ޓެކްސީވޭގެ ގޮތުގައި ބޭނުންކުރާ އެތަނަކީ އެއަރޕޯޓުގައި އެންމެ ފުރަތަމަ ބޭނުންކުރި ރަންވޭ އެވެ. އެ ރަންވޭ ވަނީ 1981 ވަނަ އަހަރު ވައިޑް ބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް ތަރައްޤީކޮށްފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ރަންވޭ ހަދާއިރު، އެ ރަންވޭގައި 3،200 މީޓަރު ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ބުނީ ރަންވޭ ތަރައްޤީކުރާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި ކަމަށާއި، އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުގެ މެދުތެރެއަށް ކަމަށެވެ.

މީގެ އިތުރުން ޓެކްސީވޭ ނިމުމުން މިހާރަށް ވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި، އެ މަސައްކަތް ނިމުމުން ފްލައިޓް ޓާން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%