ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ / ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ / ފިނިފެންމާގެ، ސައިފްﷲ ފައިޞަލް (19 އަހަރު) ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ މިއަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ރޭ 23:35 އެހައިކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގައި ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފައިވަނީ މިއަދު ކަމަށް ފުލުހުން ބުންޏެވެ.









