އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ފުލުހުން ބުނީ މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާ ކަމަށެވެ.
މާމިގިލީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.
ވިލާ ފައުންޑޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.
ފުލުހުން ބުނީ މާމިގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ގާސިމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެއް ކަމަށެވެ.
މި މަރުކަޒުގައި އޮފީސް ޢިމާރާތާއި ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހުންނާނެއެވެ.
މި ޢިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.









