1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޝާން މަހާ ގުޅުވައިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފަރާތުން ފައިސާ އެއްކޮށް، އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތި ޙާލުގައި ދިރިއުޅެމުންދާ 10 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކަރެކްޝަންސް އިން ބުނީ ކޮންމެ ޢާއިލާއަކަށް 2،220 ރުފިޔާގެ މަގުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ޢާއިލާތަކުގެ ތެރެއިން މާލީގޮތުން ފުދުންތެރިކަން ދަތި ޢާއިލާތަކަށް ކަރެކްޝަންސްގެ މުވައްޒަފުންގެ ފަރާތުން ވެދެވެންހުރި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ އިދާރާއިން ބުންޏެވެ.
ރަމަޟާން މަހުގެ ޚާއްސަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ ދަށުން 40 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަންސް އިން އަމާޒުކޮށްފައިވީ ނަމަވެސް، އެ ޕްރޮގްރާމްއަށް އެދި ފޯމު ހުށަހަޅާފައިވަނީ ޖުމްލަ 21 ފަރާތުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުޠުތައް ހަމަވެފައިވަނީ ޖުމްލަ 10 ޢާއިލާއެއް ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަލުގައި ޙުކުމް ތަންފީޛުކުރަމުން ގެންދާތާ މަދުވެގެން 5 އަހަރު ހޭދަކޮށްފައިވުމާއި 18 އަހަރު ނުފުރޭ ކުދިން ތިބުމާއި ޢާމްދަނީ ލިބޭ މިންވަރު ހިމެނޭ ކަމަށެވެ.