އިސްލާމް ދީނަށް ރަނަގަޅަށް ވަންނާށެވެ. ދެބައިކުޅައެއްބަޔަށް ނުވަތަ ކުޑަ ކޮށް ވަނުމަކަށް ﷲ އަންގަވާފައެއް ނުވެއެވެ. އައިޑީ ކާޑާއި ޕާސްޕޯޓުގައި މުސްލިމު ނަމެއް އޮވެފައި ގޭމީހުންނާއި ދަންނަ މީހުންނާއި ނުދަންނަ މީހުން ތިމާއަކީ މުސްލިމެކޭ ކިޔެއްކަމަކު ފުރިހަމަ މުސްލިމަކަށް ނުވެއެވެ. ހަމަ އެފަދައިން ދުލުން މުސްލިމެކޭ ބުންޏެއްކަމަކު ފުރިހަމަ މުސްލިމަކަށް ނުވެއެވެ.
ފުރިހަމައަށް ދީނަށް ވަދެފައިވާ މީހަކު ނަމަ ނުވަތަ ﷲ އާއި ރަސޫލާގެ ރިސާލަތު ބުއްދިއަށް ފޯރާފައިވާ މީހަކު ނަމަ ޙަރާމް އެއްޗެތިކެއުމާއި ބުއިމަށް ނަފްރަތުކުރާނެއެވެ. ދޮގުހެދުމާއި ޚިޔާނާތްތެރިވުމާއި މަކަރާއި ހީލަތް ހެދުމާއި އޮޅުވާލުންފަދަ ކަންކަމަށް ނަފްރަތު ކުރާނެއެވެ. ޒިނޭކުރުމާއި ރާބުއިމާއި އެއްޖިންސުން ގުޅުން ހިންގުމާއި ޒިނޭއަށް މަގުފަހިވެދާނެ އެންމެހައި ކަންކަމަށް ނަފްރަތުކުރާނެއެވެ.
އެއީ ދުރުހެލިވުމަށް ﷲ ޢަމުރުކުރައްވާފައިވާކަންކަމެވެ. ދުރުހެލިވުމަށް އަންގަވާފައިވާ ކޮންމެކަމަކީ ގެއްލުންހުރި ކަންކަމެވެ. ކުރުމަށް ޢަމުރުކުރައްވާފައިވާ ކޮންމެ ކަމަކީ މުޅި އިންސާނިއްޔަތަށް ފައިދާހުރި ކަންކަމެވެ. ދުނިޔޭގައި ހިނގާ ކޮންމެ ނުބައިކަމަކީ އިންސާނާ އަމިއްލަ އަށް އުފައްދާ ތަކެއްޗެވެ. ދަރިއަކު ނުބައިމަގުން ދިޔުމާއި ނުދިޔުން ވެސް އޮންނަނީ ، އިންސާނާއަށް ނޭނގުމާއި އިހުމާލުވުމާއި ފަރުވާކުޑަކުރުމުގެ މައްޗަށެވެ.
މިކަމުގެ މިސާލެއް ހޯދާކަށް ދުރަކަށް ދާކަށް ނުޖެހެއެވެ. ކުއްޖާ ނުކިޔެވީމާ ނުވަތަ ބަސް ނޭހުމުން ކުއްޖާ އަނދަގޮނޑި ޖެހުމާއި ދެއަތް ބަނދެ ވާގަނޑު ޖެހުމާއި ، ލޮލަށް މިރުސް ފިތުމާއި ، ގައިގާ ހަކުރުލުމާއި ، ގޯނިގަނޑު އެއްދެވި ، ޒަމާނެއް ރާއްޖޭގައި ވެސް ދިޔައެވެ. އެއީ އެއަށްވުރެ ރަނގަޅު އުކުޅެއް ނުވަތަ ހުނަރެއް އެދުވަސްވަރު މައިންބަފައިން ގެ ބުއްދިއަށް ފޯރާފައި ނުވުމުން ދަރިންނަށް ލިބުނު އަނިޔާއެވެ. ލޯބި ނުވާތީއެއް ނޫނެވެ. ދަރިފުޅު ނުބަައި މަގަކުން ގޮސްފާނެތީ ކަންބޮޑުވުން އޮތުމާއެކު އިޞްލާޙްކުރުމަށް ކުރެވުނު ކަންތަކެވެ.
މިއީ އޭރު ހުރިހާ ރަށެއްގެ ވެސް ހާލަތެވެ. އެހެން ނަމަ ވެސް މިއަދު މަދުން ނޫނީ އެފަދަ ކަންތަކެއް ނުފެނެއެވެ.
އިންސާނުން ދިރިޅުމުގައި ހިފަހައްޓަން އޮތީ ދެއެއްޗެކެވެ. އެއީ ﷲގެ ފޮތާއި ރަސޫލާގެ ރިސާލަތެވެ، މިދޭތީގައި ހިފަހައްޓައި އެއަށް ޢަމަލު ކޮށްފި މީހަމު ދުވަހަކު ވެސް ގެއްލި ނުދާހުއްޓެވެ.
ޙައްޖަތުލްވަދާޢުގައި رسولﷲ صلى ﷲ عليه وسلم ކުރެއްވި ވަޞިއްތަކީ މިއީއެވެ. ރަނގަޅަށް ﷲ ގެ ދީނަށް ވަދެއްޖެ މީހާ ބޭރުފުށުން މުސްލިމެކޭ ބުނާނަމަ އޭނާގެ ޢަމަލުން އެކަން އެނގެންވާނެއެވެ. ޢަމަލުން ނޭނގޭނަމަ ވާނީ ދެބައިކުޅަ އެއްބައި މުސްލިމަކަށެވެ. ސުންނީ މުސްލިމެކޭ ބުނާ މީހާ ރާބޮއެފައި އެކަމަށް ހިތްވަރު ދީފައި ، ފާޙިޝް ކަންކަމަށް ހިތްވަރު ދީފައި، އެހީތެރިވެފައި، އެކަންކަމަށް ފައިސާ ހޯދާފައި ޚަރަދުކުރާ މީހަކަށް ވެގެން ނުވާނެއެވެ.
މިފަދަ މީހަކު އިސްލާމީ އެއްވެސް ޤައުމެއްގައި އެ ދައުލަތެއްގެ ވެރިއަކަށް ގެނެވިއްޖެ ނަމަ ވާނެގޮތް އޮޅިފައި އޮވެގެން ނުވާނެއެވެ. ދީނަށް ރަނގަޅަށް ވަދެވިފައި ނުވުމުން އިސްލާމީ ބައެއް ޤައުމުތަކުގައި ހިނގާ ކަންކަމަށް ދީނަށް ރަނގަޅަށް ވަދެފައިވާ މީހާ ނަޒަރުކުރަންޖެހެއެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ.
ބައެއް މުސްލިމު މެޖޯރިޓީ އޮންނަ ޤައުމުތަކުގައި ގިނައީ ލާދީނީ ސެކިއުލަރ ފިކުރުގެމީހުން ކަމަށް ވެއެވެ. މުސްލިމުންނޭ ބުނާ މީހުންގެ ގޭގައި ކީރިތި قرآن ގެ ކޮޕީއެެއް، އޮންނާނެއެވެ. ޤުރުއާނަށް ޢަމަލެއް ނުކުރާނެއެވެ. ޕްރެކްޓިސް ނުކުރާނެއެވެ. ހުރިހާ ނުބައިކަމެއް ހުއްދައެވެ. ހަށިވިއްކުން، ރާބުއިން، ކުލަބްތަކާއި ކެސިނޯތަށް އާއްމުވެފައި ވެއެވެ.
މިސާލަކަށް ބަލާނަމަ ތުރުކީވިލާތުގެ ރައީސް އެރްދޮޣާން ބޭނުންފުޅުވަނީ އިސްލާމީ ޢަޤީދާގައި ދީން ވެރިކަމުގައި ހުންނަވާށެވެ. ނަމަވެސް، އިދިކޮޅުން ތައްޔާރަށް ތިބީ ލާދީނިއްޔަތު ފެތުރުމަށެވެ. ޢުޘްމާނީ ޚިލާފަތު އުވާލުމަށް ފަހު ހުޅަނގުން މަގުފުރައްދާފައިވާ ސެކިއުލަ މުޖުރިމު އަތާތުރުކު އޮތީ އިޔާދަނުކުރެވޭ ވަރަށް ތުރުކީ ހަލާކުކޮށް ފުނޑާލާފައެވެ.
ރަޝިޔާ ރޫޅިގެން ދިޔުމާއި ގުޅިގެން ރަޝިޔާއިން އަޅުވެތި ކޮށްފައިވާ އިސްލާމީ 9 ދައުލަތަކަށް މިނިވަންކަން ލިބުނެވެ. އެޤައުމުތަކުގެ މުސްލިމުންގެ ޙާލަތަކީ ވެސް އެއީއެވެ. ރާއްޖޭގައި ވެސް އެމް.ޑީ.ޕީ ކުޅުނީ މިކަހަލަ ކުޅި ގަނޑެކެވެ. ކިތަންމެ ނުބައި ޖަރީމާތަކެއް ހިންގި ކަމަށް ވީނަމަވެސް ހުޅަނގުގެ އެއްވެސް ޤައުމެއް އެމްޑީޕީއަކަށް ގޯސްކަމަށް ނުވިއެވެ. ވީމާ އިސްލާމްކަމަކީ އެއްގަނޑުން އިސްލާމްވުމެއް ނޫނެވެ.
(ލިޔުއްވީ އަލްއުސްތާޛް ޢަލީ އާދަމް)