ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ބ. އަތޮޅަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރަން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ ބ. އަތޮޅަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށެވެ.
މޯލްޑިވިއަން އިން ބ. އަތޮޅަށް ސީޕްލޭންގެ ދަތުރުތައް ފެށީ ފިޠުރު ޢީދާ ދިމާކޮށް މާރިޗު 31 ގައެވެ. މިހާތަނަށް ދެ ދަތުރު ކޮށްފައިވާއިރު، ދެ ދަތުރުގައި ވެސް ފްލައިޓް ފުލްކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޯލްޑިވިއަންގެ ސީޕްލޭނެއްގައި އެއްފަހަރާ 12-13 އާ ދެމެދުގެ ފަސިންޖަރުންނަށް ދަތުރުކުރެވޭއިރު، ސީޕްލޭންގައި ބ. ފުޅަދޫއަށް ދާން ނަގަނީ 25 މިނެޓެވެ.
މާލެއާއި ބ. ފުޅަދޫއާއި ދެމެދު ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 1099 ރުފިޔާއެވެ.
ސީޕްލޭންގެ ދަތުރުތަކަށް މޯލްޑިވިއަން އިން 11 ބޯޓު ގެންގުޅެއެވެ.









