20 ރުފިޔާގެ މައްސަލައިގައި ބޭބެގެ ބޮލަށް ވަޅިޖެހި މީހާ ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 31 ދުވަސް ކުރިން - 1 އޭޕްރިލް 2025 14:28
ފޮޓޯ: ސޯޝަލް މީޑިއާ: ބޭބެއަށް ހަމަލާދިން އާސިފަކީ މާރާމާރީގެ ރެކޯޑް އޮންނަ މީހެއް.
ފޮޓޯ: ސޯޝަލް މީޑިއާ: ބޭބެއަށް ހަމަލާދިން އާސިފަކީ މާރާމާރީގެ ރެކޯޑް އޮންނަ މީހެއް.
ޚުލާސާ

ހަމަލާ ދިނީ މަޑުއްވަރީ އިސްމާއީލް އާސިފް ކިޔާ މީހެއް. އޭނާ ހަމަލާ ދިނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީނަށް.

ރ. މަޑުއްވަރީގައި ރޭ އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިން ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ 35 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ އިސްމާއީލް އާސިފް (ބީޗް ހައުސް) އަށެވެ. އޭނާ ހަމަލާ ދިނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު މުއީންއަށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މުއީންގެ ބޮލުގެ ދެ ތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި މާރާމާރީ ހިންގީ 20 ރުފިޔާއެއްގެ މައްސަލައިގައި ހިނގި ޒުވާބެއްގެ ތެރޭގައެވެ. އަނިޔާ ލިބުމުން އޭނާއަށް މަޑުއްވަރީ ހެލްތު ސެންޓަރާއި އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކުރި އާސިފަކީ 2019 ގައި އެހެން މީހަކަށް ވަޅިން ހަމަލާދީ މޫދަށް އެއްލައިލި މައްސަލައެއްގައި 10 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ މީހެކެވެ. މި ޙުކުމް އިއްވީ 2022 ގެ ސެޕްޓެމްބަރުގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 11:28 ހާއިރުއެވެ. ފުލުހުން ވަނީ މައްސަލައިގެ ތަޙުޤީޤު ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%