ހުވަދު އަތޮޅުގެ 6 ރަށެއްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި ރަށްތަކަކީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލިއެވެ.
މި ރަށްތަކުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންގެ އިތުރުން، އެ ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި އެކި މުއައްސަސާތަކުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.









