ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިތުުރު 8 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ތިން ކުންފުންޏަކާއި އެކު އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނީ އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން އިތުރު ހަރަށާއި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިތުުރު އެއްރަށް އަދި އާރުޑީސީގެ ފަރާތުން އިތުރު އެއްރަށުގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށެވެ.
ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި އެކު އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންތަކާ އެކު ޖުމްލަ 83 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ހުޅުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.









