ރަމަޟާން މަހަށް ފަހުވެސް ހެޔޮ ޢަމަލުކުރުން މަތީ ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ޚުޠުބާގައި ބުނީ ރަމަޟާން މަސް ނިމުނު ނަމަވެސް އެ މަހުގެ ވެރި ﷲ ދިރިދެމިވޮޑިގެންވާ ކަމަށެވެ. އަދި ފުރިހަމަ މުއުމިނަކު ދުވަހަކުވެސް ހެޔޮ ޢަމަލުކުރުމަކަށް އަލްވަދާޢެއް ނުކިޔާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ އަޅުކަންކުރުމަކީ ﷲ އަހަރެމެން ޚަލްޤުކުރައްވައި އަހަރެމެންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން އަޅުކަންކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭ ކަމެއް ނޫންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.

"އެހެނީ ރަމަޟާންމަހުގެ ވެރި ﷲ އަކީ، އެހެނިހެން މަސްތަކުގެ ވެސް ވެރި ﷲއެވެ. މުއުމިނުންނަކީ، ވަކި މަހެއްގައި، ނުވަތަ ވަކި މޫސުމެއްގައި، ﷲއަށް އަޅުކަންކުރާން ޖެހޭ ބައެއްނޫނެވެ. މުއުމިނުންގެ މުޅި ޙަޔާތުގައި ވެސް އަޅުކަންކުރާން ޖެހޭނެއެވެ." ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ބައްޔެއްގެ ސަބަބުން، ނުވަތަ ދަތުރެއްގެ ސަބަބުން، ނުވަތަ ވަރުބަލިކަމުގެ ސަބަބުން، ނުވަތަ ހަނދާންނެތިގެން ވިޔަސް އަޅުކަމެއް ދޫވެއްޖެނަމަ އެ ކަމާ ދެރަނުވުމަށާއި ވީހައި އަވަހަކަށް އެ އަޅުކަމެއް ކުރުމަށް ޚުޠުބާގައި ފާހަގަކުރިއެވެ.

ޚުޠުބާގައި އިތުރަށް ބުނީ ރަމަޟާން މަހުގައި ފަރުޟު ފަސް ނަމާދު ޤަވާއިދުން ބަރާބަރަށް ކުރި ފަދައިން އެ މަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުންނަން ވާނެކަމަށެވެ. އަދި ކޮންމެ ދުވަހަކު ޤުރްއާނުން ޞަފުޙާއެއް ނަމަވެސް ކިޔެވޭތޯއާއި ހެޔޮ ޢަމަލުކުރުމުގައި ހީވާގިވާގިވެ، ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިޔަށްދާއުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.

މީގެއިތުރުން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށާއި ފިޠުރު ޒަކާތް ނެރުމަށްވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ. އަދި ގިނަގިނައިން ތައުބާވެ އިސްތިޣުފާރުކުރުމަށްވެސް ޚުޠުބާގައި ގޮވާލިއެވެ.

ޚުޠުބާގައި ބުނީ ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރުކުރުމަށް ހަދުމަކޮށްދީފައެވެ. އިސްތިޣުފާރުކުރުމަކީ، އެކަލާނގެ ހަޟުރަތުގައި، ފާފަ ފުއްސެވުމަށް އެދި ދެންނެވުންކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާ ނިންމަމުން ވަނީ މާތް ރަސްކަލާންގެއީ ތައުބާވާ މީހުންގެ ތައުބާ ޤަބޫލުކުރައްވައި ފާފަފުއްސަވާ ރަސްކަލާނގެކަމަށާއި އެކަލާނގެއީ އެކަލާނގެ ކޯފާއަށް ވުރެ ރަޙުމަތް ތަނަވަސްވެގެންވާ ރަސްކަލާނގެއެކަމަށް ހަދުމަކޮށްދީފައެވެ.