ރައްޔިތުންނާއި ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު "ރައްޔިތުންނާ އެކު" މި ނަމުގައި ޚާއްޞަ ޕޮޑްކާސްޓެއް ފައްޓަވަން ނިންމައިފިއެވެ.
ޕޮޑްކާސްޓް ހޯސްޓްކުރައްވާނީ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ)އެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި މި ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑް މިއަދު މެންދުރު 1:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންނާއި މީސްމީޑިއާ މަންސަތަކުން ފެށިގެންދާނެއެވެ. މި ޕޮޑްކާސްޓްގައި ރައީސް ޑރ. މުޢިއްޒު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެއެވެ.
ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާއާ އެކު ސަރުކާރު ހިންގެވުމަކީ ރައީސްގެ އެންމެ އިސް ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތެވެ. މިގޮތުން:
- "ރައްޔިތުންގެ އަޑު" ޕޯޓަލް
- "އަހާ ފޯރަމް"
- ރާއްޖޭގެ ރަށްރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން
- 'ރައީސްގެ ޖަވާބު' ސިލްސިލާ އަލުން ފެށްޓެވުން
ފަދަ އެކި ގޮތްގޮތުން ރައްޔިތުންގެ އަޑުއައްސަވައި، ހާލު ބައްލަވައި، ކަންކަން ހައްލުކޮށްދެވޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ރައީސް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އާންމުންގެ ސުވާލުތަކަށް ރައީސް ޖަވާބުދެއްވައި 'ރައީސްގެ ޖަވާބު' ސިލްސިލާ ވެސް އަލުން ފަށައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން މި މަހު 18 ގައި ވަނީ ހުޅުވާލައިފައެވެ.









