މިރޭ ބޭއްވުމަށް ތައްޔާރުވެފައިވާ ޙާފިޡުންގެ ދަސްވެެނިވުމުގެ ގައުން ދައްކާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިރޭގެ ޖަލްސާގައި 24 ޙާފިޡުން ދަސްވެނިވުމަށް ހަމަޖެހިފައިވާއިރު، ޙާފިޡުންގެ ގައުންއަކީ މިކަމަށް ފަރުމާކޮށްފައިވާ ޚާއްސަ ގައުންއެއް ކަމަށެވެ.
މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ނުލާއި ރަންކުލައިން ފަރުމާކޮށްފައިވާ މި ގައުންއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚާއި ސަޤާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުޚުއްވަތްތެރިކަން ކަމަށް ވުޒާރާއިން ބުންޏެވެ.
މި ދަސްވެނިވުމަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ޖަލްސާކަން ފާހަގަކޮށް ވުޒާރާއިން ބުނީ މިއީ ފަޚުރާއި ޝަރަފްވެރި ޖަލްސާއެއް އަދި ތާރީޚުގައި ލިޔެވިގެންދާނެ ޖަލްސާއެއް ކަމަށެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.









