ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ދެމީހުން ހައްޔަރުކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ސިނގިރޭޓު ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނަށް ހުށައަޅާފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ޢުމުރުން 45 އަހަރުގެ އަޙްމަދު ފައިސަލާއި، އުމުރުން 38 އަހަރުގެ ޔޫސުފް ނަޛީރު ހައްޔަރުކުރިއެވެ. މި ދެމީހުން ހައްޔަރުކުރީ ޑަސްބިން ކޮތަޅުތަކަކަށް ސިނގިރެޓް ކާޓަން ތަކެއް އަޅައިގެން ބޭރުކުރަނިކޮށެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި، ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލުމަށް ކޯޓުން އަމުރު ކުރައްވާފައިވާ ކަމަށެވެ.









