ވައިބަރ ހެކްކޮށްގެން ފޭރޭ މައްސަލަތައް އިތުރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ވައިބަރ ހެކްކޮށްގެން ރަޙްމަތްތެރިންނާއި ޢާއިލާ މެންބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަނީ، ފައިސާ ފޮނުވުމުގެ ކުރިން ފައިސާ އެދޭ ފަރާތަކީ ކާކުކަން ޔަގީންކުރުމަށް އަންގާފައެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ އޮޅުވާލުންތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މިފަދަ މައްސަލަތައް ރިޕޯޓުކުރެވޭނެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފުލުހުންގެ ސްޓޭޝަންތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެއެވެ.