ސިޔާސީ ކަންކަމުގައި ޚިޔާލުފާޅުކުރާއިރު، އިންސާނީ ކަރާމާތަށް އިޙްތިރާމްކުރަން ޖެހޭނެ ކަމަށް އިސްލާމީ ކަންތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ހަޖޫ ޖެހުމާ ގުޅިގެން އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ، އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޯމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް، އެފަރާތްތަކުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަދެއްކުމަކީ ދެރަވަރު ކަމެއް ކަމަށެވެ. އަދި ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙްތިރާމްކުރަންޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެ ޓީވީން ރޭ ދެއްކި "ކާލާބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަޙްމަދު ފަޔާޟް ޢަލީ ރިޟާ (ޕާޕާ ފަޔާޟް) ވަނީ ސިޔާސީ ވާހަކަތަކާ ގުޅުވައިގެން އެފަދަ ކުދިންނަށް ހަޖޫ ޖައްސަވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާފައި އިންޒާރުދެއްވި ވާހަކަ ދައްކަވަމުން ގޮސް، ސަރުކާރަށް ފާޑުވިދާޅުވަމުން ދެއްކެވި ވާހަކަތަކުގެ ތެރެއިން ޕާޕާ ފަޔާޟް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް އޯޓިސްޓިކް ގޮތެއް އެމަނިކުފާނުގެ ހުންނަ ކަމަށާއި އެމަނިކުފާނުގެ ޢަމަލުތައް ހުންނަނީ އޯޓިސްޓިކް ކުއްޖެއްގެ ޢަމަލުތައް ހުންނަ ގޮތަށް ކަމަށް ވިދާޅުވެ މަލާމާތްކުރައްވާފައެވެ.









