މިއަހަރުގެ ފުރަތަމަ 10 ހަފުތާގައި ސަރުކާރަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 5.4 ޕަސަންޓު އިތުރުވެއްޖެއެވެ. މިނިސްޓްރީ އޮފް ފިނޭންސްއިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ޖަނަވަރީ 1 އިން މާރިޗު 13 އަށް ދައުލަތަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 7.4 ބިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ. ލިބިފައިވާ 7.8 ބިލިއަން ރުފިޔާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 6.3 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހިލޭ އެހީގެ ގޮތުގައި 43.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހަމަ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައްވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 16 ޕަސަންޓު ދަށްވެފައެވެ. ސަރުކާރުން ކުރި ޚަރަދަކީ 6.5 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި 7.8 ބިލިއަން ރުފިޔާގެ ޚަރަދަށްވުރެ ދަށް އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ 10 ހަފުތާގައި ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. މިގޮތުން ރިކަރަންޓް ޚަރަދުތަކަށް 6.1 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ކެޕިޓަލް ޚަރަދުތަކަށް 428 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.









