މާލޭގައި ފޯރިގަދަ ޢީދު ހަވީރެއް ބޭއްވުމަށް ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ތައްޔާރުވެއްޖެއެވެ. މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގެ 3 ސަރަޙައްދެއްގައެވެ.
ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި ޙަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އަދި ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ. މި ޙަރަކާތްތަކުގައި ރާއްޖޭގެ އިހުގެ ޘަޤާފަތާއި ކުޅިވަރުތައް ދައްކާލުމުގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުން ވެސް ހިމެނެއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މި ޙަރަކާތްތަކުގައި އެމްއެންޑީއެފް އަދި ފުލުހުންގެ އުޅަނދުތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އެމްއެންޑީއެފްގެ ބަރު ހަތިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
ކުޅިވަރާއި ބެހޭ ވުޒާރާގެ ފަރާތުން ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށް ހަމަޖެހިފައިވާއިރު، ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
މި ޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ. އަދި މުވައްސަސާތަކުގެ ތެރެއިން ޕޮލިސް، އެމްއެންޑީއެފް، ސްޕޯޓްސް މިނިސްޓްރީއިން ވެސް ބައިވެރިވާނެއެވެ.









