ފުލުހެއްގެ ގައިގައި ދަތް އަޅައިގެން މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރެވުނު އަންހެނަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މިފަހަރު ހައްޔަރުކުރެވިފައިވަނީ ފޭރުމުގެ އަމަލެއް ހިންގައިގެންނެވެ.
ކުރީގެ ހާދިސާގައި ހައްޔަރުކުރެވުނު ފަރާތަކީ ވިލިމާލެ/ ހަފޮޅު، ފާތިމަތު (44އ.) އެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، މިފަހަރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ފޭރުމާއި ހުއްދަ ނެތި އެހެން މީހުންގެ މުދަލަށް ބާރު ފޯރުވުމެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކްރިމިނަލް ކޯޓުން ވަނީ އޭނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާތިމަތަކީ އާންމުކޮށް މަސްމާރުކޭޓުގެ ކެފޭއަކަށް ވަދެ އާންމުންނަށް އުނދަގޫކުރާ މީހެކެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރި ދުވަހު، އޭނާއަށް ނަސޭހަތް ދޭން އުޅުނު ފުލުސް މީހާއަށް ފިލަންވެގެން ފުލުސް މީހާގެ ގައިގައި ދަތް އަޅާފައިވާ ކަމަށް ތުހުމަތުކުރެވުނެވެ. ނަމަވެސް އެ ހާދިސާގައި ދަތް އެޅިކަމަށް ފާތިމަތު އޭރު އިންކާރުކުރިއެވެ.









