ފިޠުރު ޢީދަށް މާލެ ދިއްލާލުމުގެ މަސައްކަތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް ވިދާޅުވީ، "ޢީދު އަލި" ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު އިސްނެންގެވުމުގެ މަތިން ޢީދު ފަދަ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފެށްޓެވި ހަރަކާތެއްކަމަށެވެ.
އަރީޝް ވިދާޅުވީ، ޢީދަށް މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުލަބޮކި ޖަހާ މުޅި މާލެ ސަރަޙައްދު ދިއްލާލުމަކީ މާލެ ސިޓީގެ މޭޔަރަކަށް ރައީސް މުޢިއްޒު ހުންނެވި އިރު ވަރަށް ކުލަގަދަކޮށް ކުރައްވަމުން ގެންދެވި މަސައްކަތެއް ކަމަށެވެ. އޭރުގެ ސަރުކާރުން ކުރިމަތިކުރުވި އުނދަގޫތަކާއެކުވެސް އެކަން ކާމިޔާބުކުރެއްވިކަން އަރީޝް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޓީތަކާބެހޭ ވުޒާރާއިން މިކަން ކުރިއަށްގެންދަނީ ސިޓީ ކައުންސިލްވެސް ބައިވެރިކޮށްގެންކަން އަރީޝް ފާހަގަކުރެއްވިއެވެ. އަދި މާލެ ސިޓީ ކައުންސިލާއެކު މިކަމާ ގުޅޭގޮތުން ސިޓީސް މިނިސްޓްރީން ކުރެއްވި މަޝްވަރާތަކަށްފަހު މާލެ ސަރަޙައްދު ދިއްލާލުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް އަރީޝް ވިދާޅުވިއެވެ.









