ކުވައިތުގައި ސަލާންޖަހާ ބިދޭސީން ޑީޕޯޓްކުރަން ފަށައިފި

ޖަވާދު | 349 ދުވަސް ކުރިން - 16 މާރިޗް 2025 15:11
ކުވައިތުގައި މި ރަމަޟާންމަހު ސަލާންޖަހާތީވެ ހައްޔަރުކޮށް ޑީޕޯޓްކޮށްފައިވާ 11 މީހުން / ފޮޓޯ: ކުވައިތު
ކުވައިތުގައި މި ރަމަޟާންމަހު ސަލާންޖަހާތީވެ ހައްޔަރުކޮށް ޑީޕޯޓްކޮށްފައިވާ 11 މީހުން / ފޮޓޯ: ކުވައިތު
ޚުލާސާ

ކުވައިތުގެ ދާޚިލީ ވުޒާރާއިން ވަނީ ސަލާންޖަހާ މީހުން ފެނިއްޖެނަމަ އެކަން އެ ވުޒާރާއަށް ރިޕޯޓުކުރުމަށް އަންގާފަ.

ކުވައިތުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުން މަގުމަތީގައި ސަލާންޖަހައިގެން ފައިސާ ހޯދުމުގެ ޣައިރު ޤާނޫނީ މައްސަލަ އިތުރުވަމުންދާތީ، މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ސަލާންޖަހާ މީހުން އެމީހުން ނިސްބަތްވާ ގައުމުތަކަށް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކުވައިތު ސަރުކާރުން ހާމަކޮށްފިއެވެ.

ކުވައިތުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ކުވައިތުގައި ސަލާންޖެހުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ. ނަމަވެސް ރަމަޟާން މަހު މިސްކިތްތަކާއި ބާޒާރުތަކުގައި ބޭރު އެކި ގައުމުތަކުގެ މީހުން ސަލާންޖެހުމުގެ ޢަމަލުތައް ވަރަށް ގިނައިން ހިންގަމުންދާތީ، މިކަން ވަނީ އިޖްތިމާޢީ އުނދަގުލަކަށް ވެފައެވެ.

މިހާތަނަށް 11 މީހަކު ޑީޕޯޓްކޮށްފައިވާ ކަމަށް ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. ކުވައިތުގެ ނޫސްތަކުން ބުނާ ގޮތުގައި ސަރުކާރުން މިފަދަ ފިޔަވަޅު އަޅަން ފަށާފައިވަނީ ފަތުރުވެރިންގެ ގޮތުގައި ނުވަތަ ވިޒިޓް ވީޒާގައި ކުވައިތަށް އައިސް ވަގުތީ ގޮތުން ދިރިއުޅޭ ބޭރު މީހުން މަގުތަކާއި އާންމު ތަންތަނުގައި ސަލާންޖެހުމުގެ މައްސަލަ މި ރޯދަމަހު އާދަޔާ ޚިލާފަށް ބޮޑުވެގެންނެވެ.

ވޯކް ވީޒާގައި ކުވައިތަށް އައިސް ދިރިއުޅޭ މީހުން ސަލާންޖަހާނަމަ، އެ މީހުންގެ ޒިންމާ އުފުލަންޖެހޭ ސްޕޮންސަރުންނާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ކުވައިތުގެ ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ކުވައިތުގެ ދާޚިލީ ވުޒާރާއިން ވަނީ އާންމު ތަންތަނުގައި ސަލާންޖަހާ ބިދޭސީން ހައްޔަރުކުރުމަށް ޚާއްޞަ އޮޕަރޭޝަންތަކެއް ވެސް ހިންގާފައެވެ.

ޑީޕޯޓް ކޮށްފައިވާ 11 މީހުންނަކީ މި ރޯދަމަހުގެ 6 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. އެއީ މުޅިން ވެސް އަރަބި އަދި އޭޝިއާ ގައުމުތަކުގެ 11 މީހުން (8 އަންހެނުންނާއި 3 ފިރިހެނުން) ނެވެ.

މީގެ އިތުރުން، އެހެން އޮޕަރޭޝަނެއްގައި އަރަބި ގައުމުތަކުގެ 7 އަންހެނުން ވަނީ ސަލާންޖަހަނިކޮށް ހައްޔަރުކޮށްފައެވެ. މި މީހުންނާ ދެކޮޅަށްވެސް ޤާނޫނީ ފިޔަވަޅު އަޅައި، ޑީޕޯޓްކުރެވޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

ކުވައިތުގެ ދާޚިލީ ވުޒާރާއިން ވަނީ ސަލާންޖަހާ މީހުން ފެނިއްޖެނަމަ އެކަން އެ ވުޒާރާއަށް ރިޕޯޓުކުރުމަށް އަންގާފައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%