ރަމަޟާން މަހަކީ الله سُبْحَانَهُ وَتَعَالَى އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަޞްރުދެއްވުން ލައްވަވާފައިވާ މައްސަރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނެ ކަމަށާއި، މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަ ކަމަށެވެ.

ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ޙާދިސާއެއް ކަމަށާއި، އޭގެ ތެރެއިން އެއް ފިލާވަޅަކީ ކަންކަމުގައި މަޝްވަރާގެ ރިވެތި އުޞޫލު ބޭނުންކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ބަދުރު ހަނގުރާމައިން ލިބުނު ދެވަނަ ފިލާވަޅަކީ ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ ކަމަށެވެ. މުހާޖިރުންނާއި އަންޞާރުންގެ ފަރާތްޕުޅުން ފެނުނު ކިޔަމަންތެރިކަމަކީ މިކަމުގެ ރިވެތި މިސާލެއް ކަމަށާއި، ޖިހާދުކުރުމުގެ އިޒުނަ އައުމުން އެ ބޭކަލުން އެ ކަމަށް އިޖާބަ ދެއްވި ގޮތުން އެނގި ހާމަވީ އެ ބޭކަލުންގެ ކިޔަމަންތެރިކަން ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ބަދުރު ހަނގުރާމައިން ލިބުނު ތިންވަނަ ފިލާވަޅަކީ އަޞްޙާބު ބޭކަލުންގެ ޤުރުބާނީ ކަމަށެވެ. ‎‏

މީގެ އިތުރުން، ބަދުރުގެ ދުވަހުގައި ޝަހީދުވެ ދިޔައީ ސާދަ ބޭކަލުން ކަމަށާއި، އޭގެ ތެރޭގައި ޒުވާން ޞަޙާބީން ހިމެނިވަޑައިގަތްކަމީ އަހަރެމެންގެ ޒުވާނުން ޢިބުރަތް ލިބިގަންނަން ޖެހޭ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެއީ އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު އިންތިހާއަށް މުހިންމުކަމުގެ އިޝާރާތެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ބަދުރު ހަނގުރާމައިން ލިބުނު ހަތަރުވަނަ ފިލާވަޅަކީ މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިންމުކަން ކަމަށެވެ. އެގޮތުން ކަންކަމުގައި ﷲއަށް ވަކީލު ކުރުމަކީ ނަޞްރާއި ކާމިޔާބަށް ވާޞިލުކޮށްދޭ ކަމެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

ދުޢާއަކީ މުއުމިނުންގެ ހަތިޔާރެއް ކަމަށާއި، ކަންކަމުގައި ﷲ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ލަދުގަނެގެން ނުވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އެކަލާނގެއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށް ޚުޠުބާގައި ބުންޏެވެ.