އުރީދޫ މޯލްޑިވްސް އިން 2024 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.43 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރސްގައި އިއްޔެ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތައިގެ ވޯޓުންނެވެ. މި ޖަލްސާގައި 60 ހިއްސާދާރުންނާއި 11 ޕްރޮކްސީ ހޯލްޑަރުން ބައިވެރިވިއެވެ.
މިއީ 2023 ވަނަ އަހަރު ބެހި ޢަދަދަށްވުރެ 16 ލާރި އިތުރު ޢަދަދެކެވެ. 2023 ވަނަ އަހަރު ހިއްސާއަކަށް ބެހީ 3.27 ރުފިޔާއެވެ.
އުރީދޫގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 5.05 އިންސައްތަ އިތުރުވެފައެވެ. 2024 ވަނަ އަހަރު ކުންފުންޏަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބުނުއިރު، 2023 ވަނަ އަހަރު ލިބިފައިވަނީ 2.09 ބިލިއަން ރުފިޔާއެވެ.
މިއަހަރު ބަހާ 3.43 ރުފިޔާއަކީ އުރީދޫގެ ތާރީޚުގައި ހިއްސާއަކަށް ބަހާ އެންމެ ބޮޑު ޢަދަދެވެ. މީގެ ކުރިން އެންމެ ބޮޑު ޢަދަދެއް ބެހީ 2019 ވަނަ އަހަރުއެވެ. އެއަހަރު ހިއްސާއަކަށް ބެހީ 3.30 ރުފިޔާއެވެ.