ރާއްޖޭގެ މާލީ ނިޒާމަށާއި ޑިޖިޓަލް އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ޕޭޕަލްގެ ހިދުމަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖެއަށް ރަސްމީކޮށް ތައާރަފްކޮށްފި އެވެ. އުރީދޫ މޯލްޑިވްސް އިން ރާއްޖެއަށް މި ހިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޭޕަލްގެ ނައިބު ރައީސް އަދި ޖެނެރަލް މެނޭޖަރު އާމިރު ވިލިއާނީ ވިދާޅުވީ، ޕޭޕަލްގެ ޒަރިއްޔާ އިން ރާއްޖޭގައި އިތުބާރު ކުރެވޭ މާލީ މުއާމަލާތްތަކެއް ޤާއިމުކުރެވުމަކީ މީހުންނާއި ވިޔަފާރިތައް ގުޅި ލާމެހުމަށް ހުޅުވިގެންދާ މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ ސަރުކާރުން ގެންގުޅޭ "ޑިޖިޓަލް މޯލްޑިވްސް 2.0" ގެ ތަސައްވުރާ ގުޅިގެން އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، މިއީ އިގްތިސާދީ ސިންދަފާތުކުރުންތަކުގައި ރާއްޖެ އާ ހަރުފަތަކަށް ގެންދާނެ ކަމެއްގެ ގޮތުގައި ވިލިއާނީ ފާހަގަކުރެއްވި އެވެ.
މިއީ ފްރީލަންސަރުންނާއި، ވިޔަފާރުވެރިންނާއި، އާ ފުރުސަތުތައް ހޯދާ ފަރާތްތަކަށް އިތުބާރު ކުރެވޭ މާލީ މުއާމަލާތުތަކެއް ކުރެވުމަކީ އެ ފަރާތްތަކަށް ކުރިއެރުމަށް ލިބޭ ފުރުސަތެއްކަމަށް ވިލިއާނީ ވިދާޅުވި އެވެ.
މި ހިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ބޭނުންވާ 'އިންވާޑް ރެމިޓެންސް' ހުއްދަ، އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. އަދި މި އަހަރުގެ ކުރީކޮޅު ވަނީ ހިދުމަތުގެ ޓެސްޓިން މަރުހަލާތައް ކާމިޔާބުކަމާއެކު ނިންމާލާފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ސީ.އީ.އޯ އަދި އެމް.ޑީ ޝަޑީ ގަވަސްމީ ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު އުރީދޫގެ އަމާޒަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ޑިޖިޓަލް ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުން ކަމަށެވެ. ޕޭޕަލްގެ ހިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރަށް ވަރުގަދަވެ، ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ ރައީސް ޑރ. މުޢިއްޒު 2023 ނޮވެންބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ. އަދި ޕޭޕަލްގެ ހިދުމަތް ސީމްލަސްކޮށް ރާއްޖޭގައި އިންޓަގްރޭޓް ކުރެވިގެންދިއުމަކީ ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ދިވެހިން ބައިވެރިވުމަށް އޮތް ބޮޑު ހުރަހެއް ނެތިގެންދިޔުން ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދޭން ފަށާފައިވަނީ އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ޤާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަނެއްގެ ތެރެއިންނެވެ. މިއާއެކު، ރާއްޖެ މިހާރު ހިމެނިފައިވަނީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިގްތިސާދުތަކުގެ ލިސްޓުގަ އެވެ.
ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތަކާއި އީ-ވޮލެޓްގެ ހިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ހިދުމަތް ގެނައުމަށް ސަރުކާރުން ޕޭޕަލްއަށް ޕްރޮޕޯސަލް ހުށަހެޅީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.









