ދިވެހި ރައްޔިތުން، ހާއްސަކޮށް ޒުވާން މަސައްކަތްތެރިން އެތައް އަހަރެއް ވަންދެން ކުރަމުން އައި އިންތިޒާރަށް ނިމުމެއް ގެނެސް، ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް މިއަދު ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ގެނައުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތަކެވެ. މި ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ރަސްމީ މަސައްކަތްތައް ފަށާފައިވަނީ 6 ޖޫން 2024 ގައެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކުރިސްއަށް ސިޓީއެއް ފޮނުވައި، ރަސްމީ މަޝްވަރާތައް ވަނީ ފަށާފައެވެ.
މި ހިދުމަތް ރާއްޖޭގައި ފޯރުކޮށްދިނުމަށް ޕޭޕަލްގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުރީދޫ މޯލްޑިވްސްއެވެ. އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ރާއްޖޭގައި ބޭނުންކުރާ ހުރިހާ ފޯނު ނަންބަރުތަކަށް ވެސް ޕޭޕަލްގެ ހިދުމަތް ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖެހިފައެވެ. މިކަމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އުރީދޫއަށް ދީފައެވެ.
މި މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕޭޕަލްގެ ގްލޯބަލް ލީޑަޝިޕް ޓީމާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަަޑް ވަރްމާގެ އެހީތެރިކަން ވެސް މި މަސައްކަތުގައި ސަރުކާރުން ހޯދާފައިވެއެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުވުމުން، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު ވަރަށް ބޮޑު ބާރެކެވެ.
މީގެ އިތުރުން، މި ހިދުމަތުގެ ސަބަބުން ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހައިން ހަރަދުކުރުމުގެ ފުރުސަތު ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމު ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފައްތައި، އިގްތިސާދީ ގޮތުން ދިވެހިން ބާރުވެރިކުރުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ތާރީހީ ކާމިޔާބީއެކެވެ.









