ބާޒާރުގައި ކާށީގެ އަގު ބޮޑުވުމާއި ކާށި ލިބުން ދަތިވުމާ ގުޅިގެން، ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓުކުރުމަށް އެސްޓީއޯއިން މިއަދު ނިންމައިފިއެވެ.
ބާޒާރުގައި ކާށީގެ އަގު މިހާރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު، ކާއްޓެއްގެ އަގު ހުރީ 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ. މިކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ކާށީގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ޕީޕަލްސް ޗޮއިސް މެދުވެރިކޮށް 20 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން އެސްޓީއޯއިން ފެށިއެވެ. އެގޮތުން ޑިމާންޑާ އެއްވަރަށް ކާށީގެ ސްޓޮކްވެސް ބާޒާރަށް ނެރެމުންދާކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ކާށި އެތެރެކުރުމަށް ނިންމާފައިވަނީ ވިޔަފާރިވެރިންނަށްވެސް އެ ފުރުޞަތު ތަނަވަސްކޮށްދިނުމަށެވެ. އެސްޓީއޯ މެދުވެރިކޮށް ވިޔަފާރިވެރިން ކާށި އެތެރެކުރަން ބޭނުންވާނަމަ ބުކް ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ނަންބަރު 3012575 ނުވަތަ 7291124 އަށް ވައިބަރ މެދުވެރިކޮށް މެސެޖުކޮށްގެން ބުކް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ އޭގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް ކާށި ބޭނުންވާ މިންވަރު ދެނެގަނެ، އެއާ އެކަށޭނަ މިންވަރަކަށް ސަޕްލައި އިތުރުކުރުން ކަމަށެވެ.
އެސްޓީއޯއިން ބުނީ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން އެތެރެކުރާ ކާށި ޝިޕްމަންޓް ކޮންމެ 10 ދުވަހަކުން ލިބޭނެ ކަމަށާއި، އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާ ހަމައަށް ގެނެސްދީ ނެގޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ.
މީގެ އިތުރުން ކާއްޓަށް ފައިސާ ދައްކަން ޖެހޭނީ ޝިޕްމަންޓް އައުމުން ދިވެހި ރުފިޔާއިން ކަމަށް އެސްޓީއޯއިން ބުންޏެވެ.









