ޙާފިޡުން ދަސްވެނިވުމަށް ބާއްވާ ތާރީޚީ ފުރަތަމަ ޚާއްޞަ ޙަފްލާ މި ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިއަދު ވިދާޅުވީ މި ޙަފްލާގައި 20-25 ދެމެދު ޢަދަދެއްގެ ޙާފިޡުން ދަސްވެނިވާނެ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިކަމަށް ޚާއްޞަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ޙަފްލާ ކަމަށެވެ.
ވަޒީރު މީގެ ކުރިން ވިދާޅުވެފައިވަނީ ދަސްވެނިވުމަށް ޚާއްސަ ޤައުނެއް ވެސް ތައްޔާރުކުރާނެ ކަމަށެވެ.
ރާއްޖޭގައި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑެއްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވައެވެ. އެގޮތުން، އޮކްޓޯބަރު 2022 އިން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ޤުރުއާން ހިތުދަސްކޮށްގެން ސަނަދު ޙާޞިލުކުރި 28 ޙާފިޡުންނަށް މިއަހަރު ވަނީ މެޑެއްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވާފައެވެ.
ސަރުކާރުން ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއްވެސް މިއަހަރު އިފްތިތާޙުކޮށްފައެވެ.









