ގަދަކަމުން ސީރިއާއަށް އަރައި ބައްޝާރުލް އަސަދުގެ ބާރު ކަނޑުވާލުމަށްފަހު ވެރިކަން ހޯދާފއިވާ ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) ސިފައިންނާއި ކުރީގެ ރައީސް ބައްޝާރުލް އަސަދު އަށް ވަފާތެރި ހަނގުރާމަވެރިންނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 1000 އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ބުނެފި އެވެ.
ޚަބަރުތައް ބުނާ ގޮތުގައި ސީރިއާގައި މިހާރު އެންމެ ބޮޑަށް ހިނގަމުންދާ ހަމަނުޖެހުން ތަކަކީ އަސަދު ނިސްބަތްވާ އަލަވީ ޤަބީލާ އަލް ލާޒިޤިއްޔާ އާއި ހޮމްސް ޕްރޮވިންސް އެޗްޓީއެސްގެ ބާރުގެ ދަށަށް ގެނައުމަށް ކުރަމުންދާ މަސައްކަތެވެ. އެއީ ޝީއީ މުރުތައްދު ވެފައިވާ މީހުން ކަމަށް ބުނެވެއެވެ.
ރިޕޯޓްތަކުން ދައްކާ ގޮތުގައި މި ތިން ދުވަހު މަދުވެގެން 125 އެޗްޓީއެސް ސިފައިން މަރާލާފައި ވާއިރު ސީރިއާގެ 148 މީހުން ނުވަތަ އަސަދަށް ތާއީދުކުރާ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ. ނަމަވެސް މި އަދަދުތައް އަދިވެސް ޔަގީން ނުވެ އެވެ.
ސީރިއާގެ އައްސޭރީގައި އޮންނަ ޖަބްލާ އާއި ބަނިޔާސް ސަރަހައްދުތަކުގައި ވަރަށް ވަރުގަދަ ހަނގުރާމަތަކެއް ހިނގާފައިވާއިރު، މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.
އެޗްޓީއެސްގެ ބާރުތަކުން އަލަވީ ޖަމާއަތާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ކަމުގެ ތުހުމަތުތައް އިތުރުވަމުންދާއިރު، މުޅި ސަރަހައްދު ސުންނާފަތި ކޮށްފައިވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ. މި ވާހަކަތައް އަދިވެސް ކަށަވަރު ވެފައި ނުވެއެވެ.
އެޗްޓީއެސް ޑިފެންސް މިނިސްޓްރީ އިން ވަނީ އައްސޭރިފަށުގެ ހުރިހާ މަގެއް ބަންދުކޮށް، އެ ސަރަޙައްދު ކޮންޓްރޯލް ކުރުމަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވާފައެވެ.









