ފަނޑިޔާރުގެ އިޞްލާހްކޮށް، ޑިމޮކްރަސީގެ ރީތި އުޞޫލުން އިންސާފު ޤާއިމްކޮށް ވެރިކަން ހިންގަން 2008 ވަނަ އަހަރު އައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޢަމަލުކުރަމުންނދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ. ފަނޑިޔާރުންކުރާ ބައެއް ޙުކުމްތަކުގެ ސަބަބުން އެމީހުންނަށް ހިތުހުރިގޮތަކަށް ކަންތައް ނުކުރެވޭތީ، ފަނޑިޔާރުންނަކީ އެމީހުންގެ ހަތުރުންކަމުގައި އެ މީހުން ދެކުނެވެ. ނަތީޖާއަކަށްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަކީ ސިޔާސީ ތަނަކަށް ހެދުމެވެ.

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ކަމުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފް 13 ނޮވެމްބަރު 2019 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެ ކޮމިޝަނުގެ ރައީސް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އައްޔަނުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން. / ޚުލާޞާ ފައިލް ފޮޓޯ
އެމްޑީޕީން ކަންތައް ކުރި ގޮތަކީ ފަނޑިޔާރުންނަށް އަމާޒުކޮށްގެން ޤާނޫނުތައް ހަދައި، އުޞޫލުތައް ހަދައި، ފަނޑިޔާރުންނަށް ލިބިދީފައިވާ ގިނަ ޙައްޤުތަކެއް ޖަރަހަށް އުނިކޮށްލުމެވެ. އެގޮތުން ހެދިފައިވާ ބައެއް ގަވާއިދުތަކަށް ކުރުކޮށް އަލިއަޅުވައިލާނަމެވެ.
އެކެއް: ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު ނަންބަރު: 2019/ 1069-R ) ގެ (1 ވަނަ އިޞްލާޙް ހިމަނާފައިވާ) އެޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ)
މި މާއްދާގެ (ހ) ގައި ބުނެފައިވަނީ އިންޓެގްރެޓީ ބަޔަށް 80 މާކްސް ނުލިބޭ ނަމަ އިންޓަވިޔު އިންޑިސްކޮލިފައި ވާނެކަމަށެވެ. މިމާއްދާއަކީ އެޤަވާޢިދުގެ 6 ވަނަ މާއްދާ އާއި ޚިލާފަށް ހިމަނާފައިވާ މާއްދާއެކެވެ. 6 ވަނަ މާއްދާގައި ބުނެފައިވަނީ ، ވަޒީފާ އަދާ ކޮށްފައިވާ ތަންތަނުން ކުށުގެ ރެކޯޑު ސާފުކުރަންވާނެ ކަމަށެވެ. އެ މާއްދާގައި ބުނެފައި އެވަނީ ޖިނާޢީ ކުށުގެ ރެކޯޑު ގެ ވާހަކައެވެ. ސުލޫކީ މައްސަލަ އަކީ ކުށުގެ ރެކޯޑެއް ނޫނެވެ. އެގޮތަށް އެކަން އޮއްވައި އިންޓެގްރެޓީގެ ހުއްޖަތް ދައްކައިގެން ވަޒީފާގެ ހައްގު ވަނީ ބައެއް ފަޑިޔާރުންނަށް ގެއްލުވާފައެވެ.
އަނެއްކޮޅުން ގަބޫލުކުރަން ޖެހޭ އަނެއް ހަގީގަތަކީ ޖޭ.އެސް.ސީގެ މެޖޯރިޓީ އޮތީ އެމްޑީޕީން ބޭނުންވި ގޮތަކަށް ކަން ކުރުމަށް ކިއްސަރު ކޮށްފައެވެ. މިކަން މިއޮންނަނީ ފަހަކަށް އައިސް ކޮންމެ ވެސް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުންނަށެވެ. އެގޮތުން ސިޔާސީ މީހުން ހިންގާ ތަޙްޤީގެއްގައި އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ ލިބުނު ގެއްލުމަށް އިންސާފު ހޯދުމަށް ޝަރީޢަތަށް ދެވޭނެ މަގު އޮންނަން ޖެހެނީ ހުޅުވިފައިއެވެ. ސަބަބަކީ ސިޔާސީ ބަޔަކު ޖޭ.އެސް.ސީ.ގައި ތިއްބަވައިގެން ކުރާ ތަހުގީގެއް އިންޞާފުވެރި ވާނެކަމަށް ޤާނޫނީ ނަޒަރަކުން ނުބެލޭނެތީއެވެ.
ފަނޑިޔާރުންގެ ޤާނޫނުގަ އާއި ޤާނޫނު އަސާސީ ގައި ފަނޑިޔާރުކަމަށް ޢައްޔަނު ކުރެވޭނެ ޝަރުޠުތައް ކަނޑައަޅާފައި ވެއެވެ. އެހެން ކަމުން އެއާއި ފުށުއަރާ ޝަރުޠެއް ޤަވާޢިދަކުން ހެދިގެން ނުވާނެއެވެ.
ޙިސާނު އާއި އެމްޑީޕީގެ އެކްޓިވިސްޓުން ހެދި ފަނޑިޔާރުންގެ ޤަވާޢިދު
ފަނޑިޔާރުން ޢައްޔަނު ކުރުމުގައި ޢަމަލުކުރާނެ ޤަވާޢިދަށް ގެނެސްފައިވާ 1 ވަނަ އިޞްލާޙް ގެ 6 ވަނަމާއްދާގައި ކުށުގެ ރެކޯޑު ކަމަށް ބުނެފައިވާ ޢިބާރާތު މާނަ ކަމަށް ޤާނޫނި އަސާސީގެ މަފުހޫމަކީ ޖިނާޢީ ކުށުގެރެކޯޑެވެ. އާއްމުގޮތެއްގައި މުޅި ދުނިޔޭގައި ވެސް ވަޒީފާތަކަށް ވައްދަން ރިކޯޑު ކަމުގައި ބަލަނީ ޖިނާޢީ ކުށުގެ ރެކޯޑެވެ. ޖިނާޢީ ކުށުގެ ރެކޯޑު ފިޔަވައި ސުލޫކީ ޝައްކެއް އޮތްނަމަ އެކަމުގެ ތެދު ދޮގު ޝަރުޢީ ހަމަތަކުން ކޯޓު މަރުހަލާއަކުން ސާބިތުކޮށްދިނުމަށް އެ މީހަކަށް ފުރުސަތު އޮންނަން ޖެހޭނެއެވެ. އެކަމުގެ ފަހު ބަސް ބުނަން ޖެހޭނީ ކޯޓު މަރުހަލާއިންނެވެ. އެމްޑީޕީން އޭރު ރާވައި ތަރުތީބު ކޮށްފައިވާ ސިޔާސީ ނުފޫޒު އޮތް ޖޭ.އެސް.ސީ. ފަދަ މުއައްސަސާއަކުން ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ވަޒީފާ ލިބުމުގެ ހައްގު ނިގުޅައި ނުގަނެވޭނެއެވެ. އިސްވެ ދެންނެވުނު ގަވާއިދު ހެދިފައި އެއޮތީ ޖޭ.އެސް.ސީ. ބޭނުންވެއްޖެ ހިނދެއްގައި ނުފޫޒުގެ ބޭނުން ކުރެވޭ ގޮތަކަށެވެ.
ދޭއް: ސުލޫކީ މައްސަލައެއްގައި ވަކިކޮށްފި ނަމަ ޚިދުމަތްކުރި މުއްދަތަށް ބަލައި ފައިސާގެ އެއްވެސް އިނާޔަތެއް ފަނޑިޔާރުންނަށް ނުލިބޭގޮތަށް ހެދުން
ސުލޫކީ މައްސަލައެއްގައި ވަކިކޮށްފި ނަމަ ޚިދުމަތްކުރި މުއްދަތަށް ބަލައި ފައިސާގެ އެއްވެސް އިނާޔަތެއް ފަނޑިޔާރުންނަށް ނުލިބޭގޮތަށް ވަނީ ހަދައިފައެވެ. ނަމަވެސް ސިވިލްސަރވިސްގެ މުވައްޒަފަކު ވަކިވިޔަސް ވަކިކުރި ނަމަވެސް ޚިދުމަތުގެ މުއްދަތަށް ބަލައި ފައިސާގެ އިނާޔަތެއް ލިބިދެއެވެ. މިއީ އިދާރީ ފިޔަވަޅު އެޅުމުގައި އިދާރީ ގޮތުން ދައުލަތުގެ މުވައްޒަފުން ތަފާތުކުރުމެކެވެ. ފަނޑިޔާރު ކަމުގައި ހުންނަވާއިރު ޕެންޝަން ސްކީމަށް މުސާރައިން ބޮޑު ޢަދަދެއް ކަނޑުމަށްފަހު ވަކިކުރާއިރު ކެނޑި ފައިސާއިން އެއްވެސް މިންވަރެއް ނުލިބޭގޮތަށް އޮތުމަކީ ޔަގީނުންވެސް ވެވޭ އަނިޔާއެކެވެ. އަދި ޖޭ.އެސް.ސީ.އަށް ބިރުން ނުވަތަ ވޭތުވެދިޔަ ބައެއް ސަރުކާރުތަކުގެ ނުފޫޒަށް ބިރުން ބައެއް ފަނޑިޔާރުން އެއްޗެއް ނުލިބި އަމިއްލައިން ވަކިވެގެން ހިނގައްޖެއެވެ. އަދި ބައެއް ފަނޑިޔާރުން ވަކިކޮށްފިއެވެ.

ކޮންމެއަކަސް ބޭނުންވަނީ އެ މީހުންނަށް ވެސް އިންސާފުލިބުމެވެ. އެއީ އެ މީހުން ކުށެއް ކުރިކަން ސާބިތުވެއްޖެ ނަމަ އެ ކަމަށް އަދަބު ދިނުމެވެ. ނަމަވެސް ހަމަހަމަކަމާއެކު އެމީހުން ކޮށްފައިވާ ބުރަ މަސައްކަތަށް ހައްގުވި މާލީ އިނާޔަތު ސިވިލްސަރވިސްގެ މުވައްޒަފުންނެކޭ އެއްފަދައިން އެމީހުންނަށް ވެސް ދިނުމެވެ.
ތިނެއް: ފަނޑިޔާރުންގެ ރިޓަޔަމަންޓުގެ ގަވާއިދު 28/02/2023 ގެ 12ވަނަ މާއްދާ
ޖޭ.އެސް.ސީ.ން ފަނޑިޔާރުންގެ ރިޓަޔަމަންޓުގެ ގަވާއިދު 28/02/2023 ގެ 12ވަނަ މާއްދާ ލިޔެފައިވަނީ ގާނޫނަކުން ލިބިފައިވާ ފަނޑިޔާރުންގެ މާލީ ހައްގަކަށް އުނިކަން އަންނަ ގޮތަކަށެވެ. އެ ގަވައިދުގައި ލިޔެވިފައި ވަނީ އެ ގަވާއިދުގެ ދަށުން ރިޓަޔަރ ކުރެވޭ ފަޑިޔާރަކު ދައުލަތުގެ އެއްވެސް މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ނުލިބޭނެ ކަމަށެވެ. އަނެއްކޮޅުން އެހެން މުއައްސަސާއަކުން ރިޓަޔަރމެންޓު ލިބެމުން އަންނަ މީހަކު ދައުލަތުގެ ވަޒީފައަކަށް ދިޔަނަމަވެސް އެމީހެއްގެ އަތުން ރިޓަޔަމެންޓު ނުކަނަޑައެވެ.
އެ މައްދާގައި ފާހަގަވާ ބައެއް އޮޅުންބޮޅުންތަކަކީ:
ހ- "މި ގަވައިދުގެ ދަށުން ރިޓަޔަރކުރެވޭ" އޮތުމުން އެ ގަވާއިދަށްވުރެ ކުރީގައި ރިޓަރވެފައިވާ ފަނޑިޔާރުން އެ ގަވާއިދުގެ ދަށުގައި ހިމެނޭނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. އާނއެކޭ ބުނެފިނަމަ އުފެދޭ ސުވާލަކީ ރިޓަރ ވެފައިވާ ފަނޑިޔާރުންނަކީ ޖޭ.އެސް،ސީގެ ބަލަދު އަރާ ބަޔަކަށް ނުވާހާލު ބަދަލު ނަައަރާ ބަޔެއްގެ މައްޗަށް ގަވާއިދެއް ހެދިދާނެތޯ ނުވަތަ ނޫންތޯ އެވެ؟
ށ- ރިޓަޔަރމެންޓުގެ އިނާޔަތަކީ ގާނޫނަކުން ދެވޭ މާލީ ހައްގަކަށް ވާތީ އެ ގާނޫނޫގައި އެ ނުލިބޭނެ ހާލަތެއް ބުނެފައި ނުވާހިނދު ހަދާ ގަވާއިދަކުން އެ މާލީ ހައްގު އުނިކުރެވިދާނެތޯ އުފެދޭ ސުވާލެވެ.
ނ- ދައުލަތުގެ މިނިވަން މުއައްސަސާތަކުންނާއި ސިވިލްސާވިސުން ރިޓަޔަރކުރެވޭ މީހުން ދައުލަތުގެ މަގާމެއް ފުރާ މުއްދަތުގައި ރިޓަޔަރމެންޓުގެ އިނާޔަތްތައް ބަރާބަރަށް ލިބެމުންދާ އިރު ވަކީން ފަނޑިޔާރުން އެކަމުން މަހުރޫމު ކުރަންޖެހޭ ޚާއްސަ ގާނޫނީ ސަބަބެއް ބަޔާންކޮށްފައި ނުވާތީއެވެ.
ތިނެއް: ފަނޑިޔާރުންނަށް ހެލްތު އިންޝޫރެންސު ދިނުމުގައި ޖޭ.އެސް.ސީން ގާނޫނޫ އަސާސީއާ ޚިލާފުވެފައިވުން
ވާހަކަ ދައްކަންފަށައިފި ނަމަ ކޮޅުން ނުލާވަރަށް ރައްޖެގެ ހާލަތު އެމްޑީޕީގެ ސަރުކާރު އިސްވެ އޮވެގެން މިއޮތީ ގޯސްވެފައެވެ. މިމައްސަލަ ކުރުކޮށް ދަންނަވާ ނަމަ ދެންނެވޭނީ ގާނޫނޫ އަސާސީ ބުނަނީ ފަނޑިޔާރުންނަށް ހެލްތު އިންޝޫރެންސު ފުރިހަމައަށް ދިނުމަށެވެ. ނަމަވެސް މިހާރު ފަޑިޔާރުންނަށް ޖެ.އެސް.ސީން ދީފައިވާ ހެލްތު އިންޝޫރެންސުން ބައެއް ދަންކަން ޖެހެނީ ފަނޑިޔާރުންގެ އަމިއްލަ ޖީބުންނެވެ.
މިޤަވާޢިދު މިގޮތަށް ހެދުމަށް ފަހު ހިސާނު ޙުސައިނު ވިދާޅުވެފައި ވަނީ، ޤަވާޢިދު ތަކާއި އުޞޫލުތައް މިހަދަނީ އެހެން ބަޔަކު ވެރިކަމަށް އަޔަސް ހަދާ ޤަވާޢިދުތަކާއި އުސޫލުތައް ދެން ވެރިކަމަށް އަންނަ ބަޔަކަށް ވެސް އުވައި ނުލެވޭނެހާ ފުރިހަމައަށް ކަމަށެވެ. އެގޮތަށް އޭނާ ވިދާޅުވީ މެރިން ޑްރައިވް ގައި ހުންނަ ބޮޑު ސިއްކަގެ ރެސްޓޯރެންޓެއްގައި ފަނޑިޔާރުންނަށް ބޭއްވި ރޭގަނޑު ގެ ކެއުމެއްގައެވެ.









