ވެރިކަންކުރާ އަސްކަރީ އިސްލާމީ ޖަމާއަތާއި ދެކޮޅަށް ސީރިއާގައި ބަޣާވާތް ކުރަން އުޅުމުން މިހާރުގެ ރައީސް އަޙްމަދު އަލްޝަރާއަށް ތާއީދުކުރާ އެތައް ހާސް ސުންނީ މުސްލިމުން ނުކުމެ އެކަން ހުއްޓުވައިފި ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

އިއްޔެ ސީރިއާގައި ހިގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގައި އެޤައުމުގެ ސިފައިން ޙަރަކާތްތެރިވަނީ/ ފޮޓޯ: އޭޕީ
ސީރިއާގެ އިރުއުތުރުގައި ތިބި ކުރީގެ ރައީސް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިން އަޑީގައި ތިބެ ކުރަން އުޅުނު ބަޣާވާތާއި ކުރިމަތިލީ މިހާރުގެ ވެރިންނަށް ވަފާތެރި ސުންނީ ބާރުތަކުންނެވެ.
ބަޣާވާތް ކުރަން އުޅުނު އަލްހަސަކާ ސިޓީގައި އިސްލާމީ ލީޑަރު އަލް-ޝަރާގެ ހަތިޔާރު އެޅި ޖަމާއަތްތަކުން ވަނީ ސަރުކާރާއި އަސްކަރީ މުހިއްމު ތަންތަނުގެ ކޮންޓްރޯލް އަތުލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެތައް ހާސް ސުންނީ ހަނގުރާމަވެރިން އެމީހުންނާއި ދެކޮޅަށް އެއްވެ، އެތައް ގަޑިއިރެއް ވަންދެން މަގުތައް މަތީގައި ހަނގުރާމަ ކުރިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަޣާވާތް ކުރި މީހުންނާއި ދިފާއީ ބާރުތައް ވެސް ހިމެނޭ ގޮތަށް މަދުވެގެން 200 މީހުން މަރުވެފައި އެވެ.

ސީރިއާގައި އިއްޔެ ގެންނަން އުޅުނު ބަޣާވާތުގެތެރެއިން: ބަޣާވާތް ހުއްޓުވާލިއިރު 200 އަށްވުރެ ގިނަ މީހުން މަރުވި. / ފޮޓޯ: އޭޕީ
ބަޝާރުލް އަސަދުގެ ވެރިކަން ވައްޓައިލި ފަހުން އެގައުމު އޮތީ ނުފޫޒުގަދަ، އަސްކަރީ އިސްލާމީ ޖަމާއަތުގެ ދަށުގައެވެ. އެ ޖަމާއަތުން ވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ހަރުކަށި ވެރިކަން ތަންފީޒުކޮށް، ބޮޑެތި ސަރަހައްދުތަކުގެ މައްޗަށް ކޮންޓްރޯލް ދަމަހައްޓާފައެވެ.
ސީރިޔާގެ ރައީސް ކަމަށް އަޙްމަދު އަލް ޝަރާ އައްޔަން ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު، ސީރިއާގެ އިންގިލާބުގެ ކާމިޔާބީ ކޮންފަރެންސްގެ ތެރެއިން ސީރިއާގެ ޖެނެރަލް ކޮމާންޑުން އެގައުމުގެ އިންތިގާލީ މުއްދަތުގައި އިސްކޮށް އުޅުމަށެވެ.
ރިޔާސީ ދައުރުގެ ކުރިން އަލްޝަރާ އަކީ ޑިސެމްބަރު 2024 ގައި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލި ލީޑަރެވެ.
ރައީސް އަލްޝަރާ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ވަނީ މުހިންމު ބައެއް ފިޔަވަޅުތައް އަޅުއްވާފައެވެ.
- ނޭޝަނަލް ޑައިލޮގް ކޮންފަރެންސް: ސީރިއާގެ އެކި ފަރާތްތަކުގެ މެދުގައި އެއްބައިވަންތަކަމާއި އެއްބާރުލުން އުފެއްދުމަށް އަމާޒުކޮށްގެން ކޮންފަރެންސެއް ބޭއްވުމަށް ރާވާފައިވާކަން އިއުލާން ކުރެއްވި އެވެ.
- އިންޓަނޭޝަނަލް އެންގޭޖްމަންޓްސް: އަލްޝަރާއިން ވަނީ ސީރިއާ އަލުން ބިނާކުރުމާއި މުސްތަގުބަލާއި ބެހޭގޮތުން މަޝްވަރާކުރުމަށް ގަތަރާއި ސައުދީ އަރަބިއްޔާއާއި ތުރްކިޔޭ އާއި އަދި ރަޝިޔާގެ ލީޑަރުންނާ ބައްދަލުކުރުން ހިމެނޭ ގޮތަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކޮށްފައެވެ.
ޝަރާގެ ރިޔާސަތު ބަލަނީ ޒަމާންތަކެއް ވަންދެން ކުރިމަތިވި ހަމަނުޖެހުންތަކަށް ފަހު ސީރިއާގެ ހަމަޖެހުމާއި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމް ކުރުމަށް މަގުދައްކައިދޭ އިންތިގާލީ މަރުހަލާއެއްގެ ގޮތުގަ އެވެ
ޝަރާ މުޅި ދުނިޔެއަށް އިޢުލާން ކުރެއްވީ ސީރިއާގެ ވެރިކަމާއިމެދު ދުނިޔޭގެ އެއްވެސް ބަޔަކު ޖެހިލުން ނުވުމަށާއި އެޤައުމުގައި އޮންނާނީ އިސްލާމީ-ޒަމާނީ ވެރިކަމެއް ކަމަށެވެ.









