ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އޭ330-200 ގެ އިތުރު މަތިންދާބޯޓެއް ހޯދަން ކުރި އިޢުލާނުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނިން އިތުރު އޭ330 މަތިންދާބޯޓެއް ހޯދަން އެންމެ ފުރަތަމަ އިޢުލާންކުރީ މިދިޔަ މަހު ހައެއްގަ އެވެ. އެ އިޢުލާނުގައި ކަނޑައެޅި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވުމުން، އިއްޔެ އަލުން ކުރި އިޢުލާނުގައި ވަނީ އެ މުއްދަތު މި މަހު 14 ގެ ނިޔަލަށް ދަންމާލާފައެވެ.
އައިލެންޑް އޭވިއޭޝަނުން އިއްޔެ ކުރި އިޢުލާނުގައި ބުނީ އޭ330-200 މަރުކާގެ މަތިންދާބޯޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ ބޯޓު ކުއްޔަށް ނަގަން ބޭނުންވަނީ ލީސް އަށް ފަސް އަހަރުގެ މުއްދަތަށް ކަމަށް ވެސް އެ އިޢުލާނުގައި ބުންޏެވެ.
ދުރު މަންޒިލްތަކަށް ދަތުރުކުރުމަށް މޯލްޑިވިއަން އިން އޭ330-200ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.
އެ ބޯޓުން އަންނަނީ ޗައިނާގެ ސިޓީތަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ޑިމާންޑް ބޮޑުވެ، އިންޑިއާގެ ދެތަނަކަށް ވެސް މިހާރު ދަތުރުތައް ކުރެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ގޮތުގައި، މޯލްޑިވިއަން ދެވަނަ އޭ330 ބޯޓު އަންނަ އޮކްޓޯބަރު މަހު ރާއްޖެ ގެނެސް، ޔޫރަޕްގެ ޤައުމުތަކަށް ސީދާ ދަތުރުތައް ފަށާނެއެވެ.









